ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީޕީޓީ ދެއްކުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، 50 ކުންފުންޏަކުން ޓެކްސް ދައްކާފައިނުވާ ކަމަށް މީރާއިން ބުނެފި އެވެ.

މީރާއިން "ސަން"އާ ހިއްސާކޮށްފައިވާ މައުލޫމާތްތަކަށް ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް ދައްކަންޖެހޭ 650 ކުންފުންޏެއް އޮތްއިރު، އޭގެ ތެރެއިން ޓެކްސް ދައްކާފައި ވަނީ 600 ކުންފުންޏަކުންނެވެ.

އެ ކުންފުނިތަކުން ބީޕީޓީގެ ގޮތުގައި މީރާއަށް ދައްކާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ އަދި ޓެކްސް ނުދައްކާ ވާ 50 ކުންފުނިން ދައްކަންޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ އަދި މިހާތަނަށް ވަނީ އެނގޭގޮތް ނުވެފަ އެވެ.

މީރާގެ ގަވައިދުތައް ބުނާގޮތުން މިދިޔަ މަހުގެ ނިޔަލަށް ބީޕީޓީ ދައްކަން ޖެހެނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް އެކައުންޓް ޕީރިއަޑް ނިމިފައިވާ ކުންފުނިތަކެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކައުންޓް ޕީރިއަޑް ނިމިފައިވާ ކުންފުނިތައް މިއަހަރުގެ ޖޫންގެ ނިޔަލަށް ބީޕީޓީ ދައްކަންޖެހޭއިރު މީރާއިން ލަފާކޮށްފައިވަނީ އެމުއްދަތުގެ ނިޔަލަށް 5،500 ފަރާތުން ޓެކުސް ދައްކާނެ ކަމަށެވެ.

މިދިޔަ އޭޕުރީމް މަހުގެ ތަފާސް ހިސާބުތަކަށް ބަލާއި ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް ގޮތުގައި އެ މަހު ވަނީ 66,606,109ރ. މީރާއަށް ލިބިފަ އެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބީޕީޓީގެ ގޮތުގައި މީރާއަށް 737,139,061ރ. ލިބިފައިވެއެވެ.