22 May 2013, 10:51
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު (އެމެކްސް)ގެ ސްޓޭޓްމަންޓް މިހާރު ތައްޔާރުކުރަމުން އަންނަ ތާރީހަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކްރެޑިޓް ކާޑުތަކުގެ ސްޓޭޓްމަންޓް ތައްޔާރުކުރާ ތާރީހު އެއް ދުވަހަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެމެކްސް ސްޓޭޓްމަންޓް ތައްޔާރުކުރާ ތާރީހު ކޮންމެ މަހެއްގެ 25 ގެ ބަދަލުގައި 10 ވަނަ ދުވަހަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޭންކުން ބުނީ އަލަށް ގެނައި ބަދަލާ ގުޅިގެން މިމަހުގެ 25 ގައި ތައްޔާރުކުރަން އޮތް ސްޓޭޓްމަންޓް ދެން ތައްޔާރުކުރާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބަދަލާ ގުޅިގެން ޖޫން ދިހަ އެއްގައި ތައްޔާރުކުރާ ސްޓޭޓްމަންޓްގައި އާއްމުކޮށް ހުންނަ 30 ދުވަހުގެ މުއާމަލާތްތަކުގެ ބަދަލުގައި 45 ދުވަހުގެ ތެރޭގައި ކޮށްފައިވާ މުއާމަލާތްތައް ހިމެނޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްްއެލް އިން ބުނީ އެމެކްސް ކާޑުގެ ބިލްކުރާ ތާރީހަށް ގެނައި ބަދަލާ ގުޅިގެން ފައިސާ ދައްކަން ޖެހޭ ތާރީހަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ސްޓޭޓްމަންޓް ތައްޔާރުކުރާ ތާރީހުން ފެށިގެން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން އެމެކްސް ކްރެޑިޓް ކާޑުގެ އިތުރުން ވިސާ ކްރެޑިޓް ކާޑު ވެސް ދޫކުރަމުން ގެންދެ އެވެ.