22 May 2013, 09:03
ރާއްޖެއިން އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުމަކަށް އަންނަން އުޅޭ ވާހަކަ މިހާރު މިވަނީ ފެންމަވެފަ އެވެ. އެ އެގްރިމެންޓުގެ ވާހަކަ މާބޮޑަށް ތިލަ ނުވިނަމަވެސް އެއެއްބަސްވުންވުމާއި މެދު ސަރުކާރުން ގޮތެއް ނިންމުމަށް މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) ރާއްޖެއާއެކު ސޮއިކުރުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އިރު އެ އެއްބަސްވުމުގެ ލިޔުމެއް މިހާރު ވަނީ އާންމު ވެސް ވެފަ އެވެ. އަދި އާންމުވި ލިޔުމުގައިވާ ގޮތުން ދިވެހިންގެ މިނިވަން ކަމަށް ހުރަސްތަކެއް އެޅޭފަދަ ކަންތައްތަކެއް އެކުލެވިގެންވެ އެވެ.
ލީކް ވެފައިވާ އެގުރިމެންޓް، ދިވެހި ސަރުކާރުން އަދި އެމެރިކާއިން ވެސް މިހާތަނަށް ދޮގުކޮށްފައެއް ނުވެ އެވެ. އެގުރިމެންޓުގައި ބުނެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ވަކި ސަރަހައްދުތަކެއް ރާއްޖޭގައި ކަނޑައަޅައި، އެ ސަރަހައްދުގެ ހުރިހާ ބާރެއް އެމެރިކާގެ ސިފައިންނަށް ދޭން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަނޑާއި ވައިގެ ބަނދަރުތައް ވިއެނާ ކޮންވެންޝަނުން ލިބިދޭ ޑިޕްލޮމެޓިކް ހިމާޔަތްތައް އެ މީހުންނަށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެމެރިކާގެ ސިފައިން ރާއްޖެއަށް ހަތިޔާ އެތެރެކުރުމާއި އެ ހަތިޔާރު އެތެރެކުރާއިރު އެއިގެން އެއްވެސް އެއްޗަކަށް ޓެކްސް ނުނެގޭނެ ކަމަށް އެގުރިމެންޓުގައި ބުނެ އެވެ. އަދި އެއެގުރިމެންޓުގައި އެމެރިކާ ސިފައިނަށް ރާއްޖޭގައި ހަތިޔާރު ބޭނުންކުރެވޭނީ ކޮން ހިސާބްތަކެއްގައި ކޮން ބޭނުންތަކެއްގައިކަމަށް އެނގެން ނެތްއިރު އެއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
އެގުރިމެންޓުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި އެ މީހުންގެ މައްޗަށް ރާއްޖޭގެ ގާނޫނު ނުހިންގޭކަމާއި އެމީހުނަށް ވަކި ޓެލެކޮމިއުނިކޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން 10 އަހަރަށް ވާ އެ އެއްބަސްވުން ދެ ގައުމު ވެސް ބޭނުންވެގެން ނޫން ގޮތަކަށް އުވާލެވޭނެ ގޮތެއް ނެތްކަން ފާހަގަކޮށްލެވެ އެވެ.
އެގުރިމެންޓުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް އެމެރިކާއިން ބުނަމުންދާއިރު ލީކުކޮށްލާފައިވާ އެގްރިމެންޓުގެ ކޮޕީއާ ގުޅިގެން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސޯފާ އެގްރިމެންޓަކީ އެމެރިކާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ އެގްރިމެންޓެއް ކަމަށާއި ދިވެހި ސަރުކާރުން އެކަމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އެގުރިމެންޓާއެކު މިއަދު ކުރެވޭ ބޮޑެތި ތުހުމަތުތަކަކާއި ބަހުސްތަކެއް ހިމެނެ އެވެ. އެންމެ ބޮޑަށް ބަހުސްކުރެވޭ ކަމަކީ އެއެގުރިމެންޓުގެ ދަށުން އެމެރިކާގެ ސިފައިން ރާއްޖޭގައި ބޭސް އެއް ނާޅާނެ ކަމަށާއި އެއެގުރިމެންޓަކީ އެމެރިކާއިން ރާއްޖޭގައި ތަމްރީނުތަކެއް ހިންގުމަށްވާ އެއްބަސްވުމެއް ކަމަށް ބުނާ ބުނުމެވެ.
ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމް ވިދާޅުވީ އެމެރިކާ އިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ސޯފާ އެގްރިމެންޓަކީ ރާއްޖޭގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ގާއިމްކުރުމުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެ އެގްރިމެންޓް އެމެރިކާއިން ހުށަހެޅި ނަމަވެސް އެކަމާމެދު މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައެއް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސޯފާއަކީ އެމެރިކާ ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ގައުމުތަކާ އެކު ހަދާ އެއްބަސްވުމެއް. އެއީ ބޭސްއެއް ހެދުމަށް ބެހޭ ކަމެއް ނޫން. ބޭސް އެއް ހެދުމަށް ހުށަހަޅާފައެއް ވެސް ނުވޭ. ސޯފާ އެގްރިމެންޓް ހުށަހެޅުމުން މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް އެއެގުރިމެންޓާއި ދޭތެރޭ ކަންބޮޑުވާ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އެގޮތުން އެމެރިކާ ސިފައިން ރާއްޖެއަށް އަންނަނީ ޓުރައިނިންއެއް ހަދަން ކަމަށާއި އެއީ އަސްކަރީ ބޭސް އެއް ގާއިމް ކުރުން ނޫން ކަމަށް ބުނާއިރު ރާއްޖޭގެ ވަކި ހިސާބެއް 10 އަހަރަށް އެމެރިކާގެ ބާރު ދަށުގައި ބާއްވަންވީ ކީކުރަންތޯ އެވެ؟ އަދި އަމިއްލައަށް އެމެރިކާގެ ސިފައިނަށް ރާއްޖެއަށް ހަތިޔާރު އެތެރެކުރުމުގެ ބާރު އެގްރިމެންޓުގެ ތެރެއިން ދެވޭއިރު އެމެރިކިކާ ސިފައިންނަށް މުޅި ރާއްޖޭގެ ހުރިހާ ބަނދަރުތަކެއްވެސް ބޭނުންކުރެވޭކަމަށް އެއެގުރިމެންޓުގައި ބުނެފައިވެއެވެ.
މީގެ ކުރިން ވެސް އަވައްޓެރި ގައުމުތަކާއި އަދި އެމެރިކާއިން ވެސް ވަނީ ރާއްޖޭގައި ތަފާތް ތަމްރީނުތަކެއް ހިންގާފައެވެ. އެ ތަމްރީނުތައް ރާއްޖޭގައި ހިންގާފައިވާއިރު އެހެން ގައުމުތަކުގެ ސިފައިނަށް ތަމްރީނުތަކުގައި ބޭނުންކުރުމަށް ހަތިޔާރު ލިބެނީ ސީދާ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. އަދި ބޭނުން ކޮންމެ ތާކު ހަތިޔާރާއި އެކު ހަރަކާތްތެރިވުމުގެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް ލީކް ވެފައިވާ ސޯފާ އެގުރިމެންޓުގައި ބުނާ ގޮތުންނަމަ އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު ރާއްޖެއަށް އެމެރިކާ ސިފައިނަށް ހަތިޔާރު އެތެރެކުރުމުގެ ބާރާއި އެ ހަތިޔާރު ރާއްޖޭގައި ބޭނުންކުރުމުގެ ބާރު ލިބިގެންދެ އެވެ. މިގޮތަށް އެއްބަސްވެއްޖެނަމަ އެއީ މިގައުމަށް ކުރިތަމަތިވާނެ ބޮޑު ބިރެއް ނޫންބާވަ އެވެ؟
އެމެރިކާ ސިފައިން ރާއްޖެއަށް އަންނަނީ ހަމައެކަނި ތަމްރީނަކަށްވާނަމަ އެ މީހުނަށް ހާއްސަ ވަކި މުއާސަލާތީ ހިދުމަތެއް އެމީހުން އަމިއްލައިން ގާއިމް ކުރުމުގެ ބޭނުމަކީ ކޮބާތޯ އެވެ؟ މި ދަނޑީވަޅަކީ އެމެރިކާއިން ދީފައިވާ ބޯޑާ ކޮންޓޫރޯލް ސިސްޓަމެއް ވެސް ރާއްޖޭގައި ގާއިމްކޮށްފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެ އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ސަފީރު މިޝެލް ސިސޮން ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގައި ދާއިމީ ގޮތަކަށް ތިބުމުގެ ވިސްނުމެއް ނެތް ކަމަށާއި އެމެރިކާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.
އެމެރިކާއިން ރާއްޖެ އަންނަނީ ތަމްރީނުތަކެއް ހަދަން ކަމަށް ބުނާއިރު މީގެ ކުރިން އެމެރިކާއިން ރާއްޖޭގައި ހަދާފައިވާ ތަމްރީނުތަކާ ހިލާފަށް ބޮޑެތި ބާރުތަކާ ހަތިޔާރާއެކު 10 އަހަރުގެ މުއްދަތައް އެމެރިކާއިން ރާއްޖެ އައުމުގެ މަގުސަދަކީ ކޮބައި ތޯއެވެ؟ މިއީ މިއެގުރިމެންޓާއި ގުޅޭގޮތަށް އުފެދޭ ބޮޑު ސުވާލެވެ. އެ ސުވާލު އެގޮތަށް އޮތްއިރު ކަންބޮޑުވާ އިތުރު ސުވާލުތަކެއް އެބަހުއްޓެވެ.
އެމެރިކާއަކީ އަޝްކަރީގޮތުންނަމަ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމެވެ. އަދި އެ ގައުމުން މިހާރު ވެސް ދަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭސް ހަދައިގެން ތަފާތް އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ. މިހިސާބަށް ބަލާނަމަ އަފުގާނިސްތާނާއި ޕާކިސްތާނަކީ އެމެރިކާގެ ބޭސްތައް ހިންނައެވެ. ދެން ވިސްނަންވީ އެ ގައުމުތަކުގައި ކަންތައްތައް ހިނގަމުންދަނީ ކިހިނެއްތޯ އެވެ. އެމެރިކާއިން މިހާރު އަސްކަރީ ތަމްރީނުތައް ހިންގާ އެހެނިގެން ގައުމުތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުއްޓެވެ.
ބަންޑާރަ ނައިބު އައިޝަތު ބިޝާމް ވިދާޅުވީ އެމެރިކާ އާއި ދެމެދު ވާ އަސްކަރީ އެއްބަސްވުން ކަމުގައިވާ ސޯފާ އެއްބަސްވުމާ ގުޅޭ ގޮތުން އެ އޮފީހުގެ ލަފާ ކުރިން ދީފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް މިހާރު ދެއްވާނީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.
ސޯފާ އެއްބަސް ވުމުގައި ސޮއިކުރުމާމެދު އަދި ދިވެހި ސަރުކާރުން ވަކިގޮތެއް ނިންމާފައިވާކަން އިއުލާން ކޮށްފައިނުވި ނަމަވެސް އެ އެގްރިމެންޓުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ބެލެވޭ ވާހަކަތަކެއް އެމެރިކާގެ ފަރާތުން ދަނީ ދައްކަމުންނެވެ. އެމެރިކާއިން ރާއްޖެއަށް ހުށައަޅާފައިވާ ސޯފާ އެގުރިމެންޓުކަމަށް ބުނެ ލީކްވެފައިވާ އެއެގުރިމެންޓަކީ އެއްވެސް ސަރުކާރަކުން މިހާތަނަށް ދޮގުކޮށްފައިވާ އެއެގުރިމެންޓަކަށްނުވާއިރު އޭގައިވާ ކަންތައްތަކަކީ ވަރަށް ކަންބޮޑުވާންޖެހޭނެ ކަންތައްތަކެވެ. ހަމަގައިމު ވެސް އެއެގުރިމެންޓް އެގޮތަށް ސޮއިކޮށްފިނަމަ އެއީ ރާއްޖޭގެ މިނިވަން ކަމަށް އެޅޭނެ ހުރަކަށްވެދާނެ އެވެ.