22 May 2013, 01:41
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކުގައި ވަޅި ހަރައި ފަސް މީހަކު ޒަހަމްކޮށްލި މައްސަލާގައި ހަތަރު ވަނަ މީހާ މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މިރޭ މެންދަމު 1:30 އެކާހަންހާއިރު ކަމަށެވެ. "ސަން" އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބޮޑެތި ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމުގެ ރެކޯޑް އޮންނަ ގ. މަސްއޮނޑިގޭގެ އިހުސާނުއްދީން ރަޝީދު 30، އެވެ.
ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތިން މީހަކު މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޑރ. އަފްރާޝީމް އަލީ މަރާލިކަމަށް ތުހުމަތު ކުރެވޭ ހުސައިން ހުމާމް އަހްމަދުގެ ބޭބެ ހ. ލޮބީ މުހައްމަދު ކިނާނަތު އަހުމަދު 28، އާއި މ. ކޮޅުފުށީ ޒަހީރާމަންޒިލް އަހުމަދު ޝިރުހާން ޝަމީމް 21، އާއި މާލޭ ދަފްތަރު އައްސަދު އިބްރާހިމް ރަޝީދު 18، އެވެ.