21 May 2013, 22:23
ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އާ މަޝްވަރާކުރައްވައިފި އެވެ.
އިންޑިއަން ހައިކޮމިޝަނާއާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ރިޔާޒު ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރަށް ދެއްވާފައިވާ ކަަމަށެވެ.
ފުލުހުން ބުނީ އިއްޔެ ފުލުހުންގެ އިދާރާގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރާޖީވް ޝަހާރޭ މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމާ ގުޅޭ ގޮތުން ކަމަށެވެ.
އެ ބައްދަލުވުމުގައި ރިޔާޒު ވަނީ ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނާއި ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ މެހެމާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށާއި އެކަން ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ކޮމިޝަނަރު ދެއްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއަން ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވާފައި މިވަނީ މިއަދު ބ. އޭދަފުށީ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ އިންޑިއާގެ ޓީޗަރަކު ދަންޖެހިގެން މަރުވުމާއި ހދ. ކުމުންދޫ ސްކޫލްގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ބެލެނިވެރިންތަކެއް ނުކުމެ ޓީޗަރަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.