21 May 2013, 22:11
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިފެހެއްޓި ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރި އިރު އެތަނުން ގެންދިޔަ ހުރިހާ ތަކެތި ލިޔުމުން ހަވާލުކޮށްފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން މީރާގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔަ އިރުވެސް އެތަނުން ގެންދިޔަ ތަކެތި ލިޔުމުން ހަވާލުކޮށްފައިވާނެ ކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން މީރާއިން ހިފެހެއްޓި ހުރިހާ ތަކެތި އެ ކުންފުންޏާ ހަވާލު ކުރި ކަމުގެ ލިޔުން ޝަރީއަތަށް ހުށަހެޅި ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
އެހެންކަމުން މީރާއިން ހުށަހެޅި ކަންތައްތަކަށް ރިއާޔަތް ނުކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާތީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
"ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީރާގެ މައްޗަށް ދައުވާކުރުމުން ސިވިލް ކޯޓުގައި ހިނގަމުންދިޔަ ޝަރީއަތުގެ މަޖިލީހުގައި މީރާގެ ފަރާތުން ފާހަގަކޮށްފައިވާނެ މީރާއިން ހިފެހެއްޓި އެ ކުންފުނީގެ ތަކެތި އަނބުރާ ހަވާލުކޮށްފައިވާނެ ކަމަށް. އެ ތަކެތި ހަވާލު ކުރި ލިޔުން ވެސް މީރާގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ވާނެ. އެހެންނަމަވެސް އެ ފަރާތުގެ ތަކެތި ހަތް ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށް މީރާގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި އިރު އެކަމުގެ މައްޗަށް ރިއާޔަތް ކުރައްވާފައި ނުވޭ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މީރާއިން މިހާރު ވަނީ ނިންމާފައި،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ ފަރާތުން އެ އޮތޯރިޓީއާ ގުޅޭގޮތުން ދައްކާފައިވާ ވަހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.
މީރާގެ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެ އޮތޯރިޓީން ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ އޮފީހަށް ވަދެފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ތަންތަނަށް ވަދެ ބަލައި ފާސްކޮށް ތަކެތި ގެންދިޔުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހިފެހެއްޓި އެ ކުންފުނީގެ ތަކެތި ހަވާލު ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށާއި އެހާ ދިގުމުއްދަތަކަށް އެތަކެތި މީރާގައި ބެހެއްޓިފައި ވަނީ މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި އޭގެ ވެރިފަރާތަށް ރައްދުކުރަން ޖެހޭނެ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ވެސް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި ވެސް ބުނެފައި ނުވާތީ ކަމަށް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
"ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަނަކުން ތަހުގީގުގެ ބޭނުމަށްޓަކައި ތަކެތި ގެންދެވުނު ކަމުގައި ވިޔަސް ޓްރައިބިއުނަލުން ނެރޭ ބަލައި ފާސްކުރުމުގެ އަމުރުގެ މުއްދަތު ހަމަވުމަށްފަހު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން އެ އަމުރުގެ މުއްދަތު އިތުރު ކުރުމަކާ ނުލައި އެތަކެތި ހިފެހެއްޓިދާނެ ކަމުގައި ގާނޫނުގައި ބަޔާންކޮށްފައި ނުވޭ. ހަމައެހެންމެ އެތަކެތި ނުހިފެހެއްޓޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައި ނުވޭ،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
ގާނޫނުގައި ވަކިގޮތެއް ކަނޑައަޅާފައި ނެތްނަމަވެސް އެތަކެތި ހިފެއްޓިދާނެ ކަމަށް މީރާއިން ދެކޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ސަބަބަކީ ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ ޖިނާއީ މައްސަލައެއް އެ އޮތޯރިޓީން ތަހުގީގު ކުރަމުން ގެންދާތީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކުރިން އެތަކެތި އެ ކުންފުންޏާ ހަވާލުކޮށްފިނަމަ ހެކި ނައްތާލުމުގެ ފުރުސަތު އެ ކުންފުންޏަށް އޮންނާނެތީ ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް އަކީ ވެސް ތަހުގީގު ކުރާ އިދާރާއެއް. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ވެސް ތަހުގީގު ކުރާ ފަރާތެއް. އެ ދެ މުއައްސަސާއިން ވެސް ތަހުގީގު ކުރާ މައްސަލައެއްގައި ހިފަހައްޓާ ތަކެތި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ދޫނުކުރާނެ. އެހެން ނޫންނީ ހެކި ނައްތާލުމުގެ ފުރުސަތު ތުހުމަތު ކުރެވޭ ފަރާތަށް އޮންނާނެ ނޫންތޯ. ޝަރީއަތަށް ހުށަހަޅަން ޖެހެނީ އޮރިޖިނަލް ޑޮކިއުމެންޓްތައް. އެހެންކަމުން ހަމަ އެފަދައިން މީރާއިން ވެސް ހިފަހައްޓާ ތަކެތި ދޫކޮށްފިނަމަ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ ކަމަށް މީރާއިން ގަބޫލު ކުރަނީ،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެ އަމުރުގެ ދަށުން ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ އޮފީސް ބަލައި ފާސް ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާތީ އެކަމަށް ވެސް މީރާއިން ވަނީ ރައްދުދީފަ އެވެ.
މީރާގެ އޮފިޝަލް ވިދާޅުވީ ޓްރައިބިއުނަލުން ނެރޭ އަމުރަކީ ގާނޫނު އަސާސީއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ދެކޭނަމަ ދެން ޖެހޭނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން ކަމަށެވެ. އަދި ހައިކޯޓުން އެ އަމުރަށް ބަދަލު ނުގެންނަހާ ހިނދަކު އެ އަމުރުން ހުއްދަދީފައިވާ ކަންތައް ކުރުމުގެ ބާރު މީރާ އަށް ލިބިގެންވާކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވިއެވެ.
ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޒަމާނީ ޓެކްސް ނިޒާމެއް ގާއިމް ކުރުމަށް ހުރަސްއެޅޭގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި ދިމިގުރާތީ ގައުމުތަކުގެ ގޮތުގައި ރާއްޖެއިން ބަލައިގަނެފައިވާ ގައުމުތަކުގައި ވެސް ކުންފުނިތަކަށް ވަދެ ގެންދާތަކެތި ޝަރީއަތް ނިމެންދެން ހިފަހައްޓާފައި ބެހެއްޓުމަކީ އަމަލު ކުރަމުން ގެންދާ އުސޫލެއް ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.