ދިވެހި ރާއްޖޭގައި ކޮރޮޕްޝަންގެ މިންވަރު ދެ އަހަރު ދުވަހުގެ ތެރޭގައި 28 ދަރަޖަ އިތުރު ވެއްޖެ ކަމަށް ޓްރާންސް ޕޭރަންސީ އިންޓަނޭޝަނަލްސްއިން ބުނެފި އެވެ.


ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްސް އިން ނެރެފައިވާ "ކޮރޮޕްޝަން ޕާސެޕްޝަން އިންޑެކްސް 2010" ގައި ރާއްޖެވަނީ 143 ވަނައިގައި އެވެ. އެއީ 2008 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ދިވެހިރާއްޖެ އަށް ލިބިފައި 115ގެ ދަރަޖަ އަށް ވުރެ 28 ރޭންކް މަތީ އަދަދެކެވެ.


ދަރަޖަ 1  އިން 178 ކަށް ރޭންކު ދީފައިވާ ލިސްޓުގައި އެއް ވަނަ އަށް ގޮސްގެން ކޮރޮޕްޝަން އެންމެ މަދު ތިން ގައުމަށް ހޮވިފައި ވަނީ ޑެންމާކާއި ނިއުޒިލެންޑާއި ސިންގަޕޫރެވެ. އަދި ލިސްޓުގެ އެންމެ ފަހަތުން 178 ވަނަ ލިބިފައި ވަނީ ސޯމާލިއާއަށެވެ.


ރިޕޯޓު ބުނާ ގޮތުން ޕާކިސްތާނާއި ދިވެހި ރާއްޖޭގައި ކޮރޮޕްޝަންގެ މިންވަރު ހަމަ ހަމަ އެވެ. ޕާކިސްތާނަށް ވެސް ދިވެހި ރާއްޖެއަށް ވެސް ލިބިފައި ވަނީ 143 ވަނަ އެވެ. އަވަށްޓެރި އިންޑިއާ އަށް ލިބިފައި ވަނީ 87 ވަނަ އެވެ. ސިރީލަންކާ އަށް 97 ވަނަ އެވެ. ބަނގުލަދޭޝް އަށް 134 ވަނަ އެވެ. ނޭޕާލަށް ލިބިފައި ވަނީ 146 ކެވެ. ބޫޓާނަށް 36 ލިބިފައިވާ އިރު އަފްޤާނިސްތާނަށް ލިބިފައި ވަނީ 176 ވަނަ އެވެ.


އަވަށްޓެރި ގައުމުތަކުގެ ތެރެއިން ކޮރޮޕްޝަންގެ އަމަލުތައް އެންމެ ގިނައީ އަފްޤާނިސްތާނުގައި އެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގަ އެވެ. އަދި އެންމެ މަދީ ބޫޓާނުގައި އެވެ.


އެ ރިޕޯޓު ނެރެފައި ވަނީ ދިވެހި ރާއްޖޭގައި ތަފާތު ތިން ސާވާއެއް ކޮށްގެނެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްސް އިން ސާވޭތައް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. މި ސާވޭތައް 178 ގައުމެއްގައި ކޮށްފައިވެ އެވެ.