މާލޭގެ ގޭންގް ގްރޫޕްތަކެއްގެ މެދުގައި ހިނގި މާރާމާރީއެެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ތިން މީހުންނަކީ ޑރ. އަފްރާޝީމް އަލީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ހުސައިން ހުމާމް އަހްމަދުގެ ބޭބެ ހ.ލޮބީ މުހައްމަދު ކިނާނަތު އަހުމަދު 28، އާއި މ.ކޮޅުފުށީ ޒަހީރާމަންޒިލް، އަހުމަދު ޝިރުހާން ޝަމީމް 21، އާއި މާލޭ ދަފްތަރު އައްސަދު އިބްރާހިމް ރަޝީދު 18، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވަނީ އެމީހުން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކަމަށެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެހެން ބަޔަކު ވެސް އެބަތިބި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މީހަކު އެމައްސަލާގައި އަދި މިހާތަނަށް ހައްުޔަރުކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން މީހުން ވެސް ހައްރުކޮށްފައިވަނީ، މ. ފެއަރީކޯނާ އަލީ ޝިފާން މާރާލިކަމުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި، މީހުންގެ ތެރޭގައި ހިމެނޭ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 3912 މުހައްމަދު ޝައިފަން މިދިޔަ ހުކުރު ދުވަހުގެ ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގަ އެވެ.

ޝައިފަން އަށް ހަމަލާދީފައިވަނީ މަޖީދީމަގު މާޒިޔާ ޓްރޭޑް ކައިރިން ދަނިކޮށް ބަޔަކު ސައިކަލުގައި ގޮސް ކަމަށާއި އޭނާގެ ބުރަކަށީގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ފުން ޒަޚަމްތަކެއް ލިބިފައިވާއިރު އޭނާގެ މައިބަދައާ ދިމާލުން ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.