21 May 2013, 17:28
މެންޗެސްޓާ ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގު 20 ވަނަ ފަހަރަށް ހާސިލު ކުރުމަށް މަގުދައްކާފައިވާތީ، އިނގިރޭސިވިލާތުގެ ލީގު މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ)އިން ހޮވާ ޕްރިމިއާ ލީގުގެ އަހަރުގެ އެންމެ މޮޅު ކޯޗަކަށްދޭ އެވޯޑް، ކޯޗުކަމުން މިހާރު ރިޓަޔާ ކޮށްފައިވާ ޔުނައިޓެޑްގެ ކޯޗު ސާއެލެކްސް ފާސަންއަށް ދީފިއެވެ.
މިއީ އިނގިރޭސި ވިލާތުގައި ފުޓްބޯޅަ ކުލަބުތަކުގެ ކޯޗުންނަށް ދެވޭ އެންމެ އަގުބޮޑު އެވޯޑް ފާގަސަން ހާސިލު ކުރި ހަތަރުވަނަ ފަހަރެއެވެ. އެ އެވޯޑް ދެން އެންމެ ގިނައިން ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އަލަށް ހަމަޖެއްސި އެވަޓަންގެ ކޯޗު ޑޭވިޑް މޮއިސްއެވެ. މޮއިސް ވަނީ އެލްއެމްއޭ އެވޯޑް ތިންފަހަރު ހޯދާފައެވެ. ހުސްވި އަހަރު އެ އެވޯޑު ހާސިލް ކޮށްފައިވަނީ ނިއުކާސަލް ޔުނައިޓެޑްގެ ކޯޗް އެލަން ޕާޑިއުއެވެ.
މިހާރު އުމުރުން 71 އަހަރުގެ ފާގަސަން، ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވީ 7 ނޮވެމްބަރު 1986ގަ އެވެ. ވޭތުވެ ދިޔަ 26 އަހަރާ ބައިގެ ދިގު މުއްދަތުގައި އޭނާ ވަނީ ޔުނައިޓެޑަށް 38 ޓްރޮފީ ހޯދައި ދީފައެވެ. އެގޮތުން ލީގު ޗެމްޕިއަންކަން 13 ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު، އެފްއޭ ކަޕް ފަސް ފަހަރު އަދި ލީގު ކަޕު ހަތަރު ފަހަރަށް ހޯދާފައި ވެއެވެ.
ފާގަސަންގެ އިތުރުން މިއަހަރު އެލްއެމްއޭ އެވޯޑު ހާސިލުކުރި ކޯޗުންގެ ތެރޭގައި، ޗެޕިއަންޝިޕްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކާޑިފް ސިޓީގެ ކޯޗު މޯކީ މެކެއިއެވެ.
އެލްއެމްއޭ ސްޕެޝަލް މެރިޓް އެވޯޑް ޗެލްސީގެ ކުރީގެ ކޯޗު ރޮބާޓޯ ޑި މެޓިއޯއާއި ބްރެޑް ފޯޑް ސިޓީގެ ކޯޗު ފިލް ޕާކިންސަން އަށް ލިބިފައިވެއެވެ. އަދި އެފްއޭ ކަޕުގެ މޮޅު ކޯޗަކަށް ވިގަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހޮވުނު އިރު ލީގު ވަންގެ މޮޅު ކޯޗަކަށް ޔޯވިލް ޓައުންގެ ކޯޗު ގެރީ ޖޯންސް ހޮވިފައި ވެއެވެ. ލީގު ޓޫގެ މޮޅު ކޯޗަކަށް ހޮވުނީ ގިލިންހަމްގެ ކޯޗު މާޓިން އެލަންއެވެ.