21 May 2013, 17:21
ސްޕެނިޝް ލީގު ޗެމްޕިއަން ބާސެލޯނާއިން ކުރިއަށް އޮތް ސީޒަންގައި ބޭނުންކުރާނޭ އައު ހޯމް ކިޓާއި އަވޭ ކިޓް ތައާރަފު ކޮށްފިއެވެ.
ބާސާއިން މިފަހަރު ބޭނުންކުރާ ދެ ކިޓުގައިވެސް ހުންނަނީ ތިރިއަށް ވާގޮތަށް ދެކުލައިން ފަލަ ރޮނގުދަމާފަވެ. އެގޮތުން ހޯމް ކިޓުގައި ބާސާގެ ޒަމާންވީ ގަދަ ނޫކުލައާއި، ރަތްކުލައިން ރޮނގު ދަމާފައި ހުންނައިރު ރީނދޫ ކުލައިގެ ވީ-ކަރު ލާފައިހުރި ޖާޒީގެ އަތުކުރިއަށް ނޫކުލައިގެ ރޮނގުތައް ފަނޑުވެގެން ދާގޮތަށް ހަދާފައިވެއެވެ. އަދި މިފަހަރުގެ ސްޕޮންސަރަކަށް ބޭނުން ކޮށްފައިވަނީ ގަތަރު ފައުންޑޭޝަންގެ ބަދަލުގައި ދޯހާގެ އެއާލައިނެއް ކަމަށްވާ ގަތަރު އެއާވޭސްއެވެ. އަދި ކުރިން ރީނދޫ ކުލައިން ލިޔެފައިވާ ސްޕޮންސާ ލިޔުންކޮޅު މިފަހަރު ލިޔެފައިވަނީ ހުދު ކުލައިންނެވެ.
ބާސާގެ އަވޭ ޖާޒާ މިފަހަރު ވަނީ "ވަތަނީ" ކުލަވަރު ވަރަށް ބޮޑަށް ޖައްސާފައެވެ. އެގޮތުން މިފަހަރު އެކުލަބުގެ އަވޭ ޖާޒީގައި ބޭނުން ކޮށްފައި ވަނީ، ބާސާ ނިސްބަތްވާ ކެޓަލޯނިޔާގެ ދިދައިގައި ހުންނަ، ރީނދޫ ކުލައާއި ރަތް ކުލައެވެ.
ބާސެލޯނާގެ ޖާޒީ އުފައްދާ މަޝްހޫރު ނައިކީ އިން ބުނެފައިވަނީ މިފަހަރު ބާސާއަށް އުފެއްދި ކިޓަކީ މިހާތަނަށް އެ ކުންފުނިން އުފެއްދި އީޖާދީ ގޮތުން އެންމެ މޮޅު އެއް ޖާޒީ ކަމަށެވެ. އެގޮތުން މިފަހަރުގެ ޖާޒީގައި 150 ގުރާމް ހަމަނުވާއިރު އެއީ ކުރީގެ ޖާޒީތަކާ އަޅާ ބަލާއިރު 23 އިންސައްތަ ލުއި ޖާޒީއެއް ކަމަށެވެ. އަދި މިފަހަރުގެ ކިޓު ކުރީގެ ކިޓުތަކަށްވުރެ 20 އިންސައްތަ ވަރުގަދަވާނެ ކަމަށާއި ޖާޒީގެ ފުލް ކިޓެއް އުފެއްދުމަށް ބޭނުން ކޮށްފައިވަނީ ރިސައިކަލް ކޮށްފައިވާ 13 ޕްލާސްޓިކް ފުޅިކަމަށެވެ.