ވައިފުޅި އަޅައި ފީނައިގެން ހުއިފިލަނޑާ ނެގި މީހަކު ދެ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 7960 ހުސައިން އަބޫބަކުރުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 30 މެއި 2010 ވަނަ ދުވަހު ލ. ފޮނަދޫ ފަޅުކައިރިން ވައިފުޅި އަޅައި، ފީނައިގެން ހުއިފިލަނޑާ ނަނާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ވައިފުޅި އަޅައި ފީނައިގެން ހުއިފިލަނޑާ ނެގުމަކީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަމަށްވާތީ ދައުލަތުން ހުސައިން އަބޫބަކުރުގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާ އިތުރު ކުށެއް ކޮށްފިނަމަ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި ކުށެއް ނުކޮށް ހުރެއްޖެނަމަ ތިން އަހަރު ފަހުން ވެސް އެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވެއެވެ.