ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދު އާއި އދ. ކުޑަރަށުން ކުލި ނުދައްކައިގެން ހަތް ދުވަހުގެ ނޯޓިސްއެއް ދެ ވަނަ ފަހަރަށް ފޮނުވައިފި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުން ވެސް އެ ދެ ރިސޯޓަކުން ފައިސާ ދައްކާފައިނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް މިދިޔަ ޑިސެމްބަރު މަހު ފޮނުވާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ލީގަލް އޮފިސަރު ފަސީހު ޒާހިރު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް އިން ހިންގާ ދެ ރިސޯޓުގެ އެގްރިމަންޓް އުވާލަން ނޯޓިސް ދެ ވަނަ ފަހަރަށް ފޮނުވީ ކުރިން އެއްބަސްވެފައިވާ ގޮތާ ހިލާފަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުލި ދައްކާފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނެ ޝަރުތުކޮށްފައި ކުރިން ނުދެއްކި ހުރި ކުލި ތިން އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެއްސި ނަމަވެސް ބަރާބަރަށް ކުލި ދައްކަން ޖެހޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް މީރާއިން އަންގާފައި އެބައޮތް ފުރަތަމަ ކުއާޓަރުގެ ކުލި ނުދައްކާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ފަސީހު ވިދާޅުވީ ޔޮޓް ޓުއާސްއަށް ނޯޓިސް މިއަދު ފޮނުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ ރިސޯޓް ހިންގުމަށް ސަރުކާރާއެކުވެފައިވާ އެއްބަސްވުން އުވާލުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަންގާފައިވާ ގޮތަށް ކުލި ނުދައްކައިފި ނަމަ އެއްބަސްވުން އުވާލެވޭނެ. އެއީ އަޅުގަނޑުމެން ޝަރުތުކޮށްފައިވާ ގޮތާ ހިލާފުވެފައިވާތީ،" އޭނާ ވިދާޅުވި އެވެ.

ފަސީހު ވިދާޅުވީ އެ ދެ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުދައްކާ އެބައޮތް ކަމަށެވެ.