21 May 2013, 16:34
ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ޕޮލިސީ މުރާޖާކޮށް އިސްލާޙުކުރަން ޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމެރިކާ ސަރުކާރާއި ދިވެހި އަސްކަރިއްޔާ ގުޅިގެން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޙާލަތު ދެނެގަތުން" މި ނަމުގައި ބޭއްވޭ ތިން ދުވަހުގެ ސެމިނާ ޝަރަފްވެރި ކޮށްދެއްވައި ވާހގަކަފުޅު ދައްކަވަމުން މޭޖާ ޝިޔާމް ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަންނަން ޖެހޭ ކަމަށް ޝީޔާމް ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ ރަނގަޅުގޮތުގައި އެކަންކަން ތަންފީޒުކުރެވޭނެ ގޮތްތަކެއް އެކަށައަޅަން ޖެހޭ ކަމަށް ވެސް ޗީފް އޮފް ޑިފެސް ފޯސް ވިދާޅުވި އެވެ.
ގައުމީ ފެންވަރެއްގައި ކައުންޓާ ޓެރެރިޒަމް ޕޮލިސީއެއް އެކުލަާލުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މޭޖާ ޖެނަރަލް ޝިޔާމް ވިދާޅުވީ ވަރަށް އަވަހަށް ގައުމީ ކައުންޓާ ޓެރެރިޒަމް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްއަކީ ތަފާތު ގޮތްގޮތަށް ކުރިމަތިވާ ނުރައްކަލެއްކަމަށް މޭޖާ ޖެނަރަލް ވިދާޅުވި އެވެ. އެގޮތުން އިޖްތިމާޢީ- ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން ވެސް ޓެރަރިޒަމްގެ ޢަމަލުތައް ހިނގާ ކަމަށް މޭޖާ ޖެނަރަލް ޝިޔާމް ވިދާޅުވި އެވެ.
"ޓެރަރިޒަމްއަކީ ތަފާތު ގޮތްގޮތަށް އަޅުގަނޑުމެންނާއި ކުރިމަތިވާ ނުރައްކަލެއް. މިގޮތުން އިޖްތިމާޢީ-ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން ވެސް ޓެރަރިޒަމްގެ ޢަމަލުތައް ހިނގާ. ކޮންމެ ގޮތަކަށް ޓެރަރިޒަމްގެ ޢަމަލު ހިންގިކަމުގައި ވިޔަސް މިކަމުގެ އާޚިރު ނަތީޖާއަކީ ހަމަ އެއްކަމެއް އެއީ ޤައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވުން،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާތަނަށް ދިވެހިރާއްޖޭގައި އެހާބޮޑެތި ޓެރަރިސްޓް ޢަމަލުތައް ހިނގާފައި ނެތް ނަމަވެސް، ކުރިމަގުގައި ނުހިނގާނެ ކަމަށް މުޅިން ނިންމައިގެން ތިބެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް އަބަދު ވެސް ތައްޔާރަށް ތިބެންވާނެ ކަމަށާއި، މިކަންކަމާއި ގުޅޭ ތަމްރީނާއި ހުނަރުތައް އަށަގަންނުވައި ރަނގަޅު ކުރަންހުރި ކަންތައްތައް ހޯދައި އެފަދަ ޓެރަރިސްޓް ޙަރަކާތްތަކާއި ކުރިމަތިލުމަށް ޤައުމު އޮތީ ތައްޔާރީ ޙާލަތުގައިތޯ ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
ކުރުނބާ ވިލެޖްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސެމިނާގައި ސިފައިންނާއި ފުލުހުންނާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް އާއި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިތުރުން، އެޓާނީ ޖެނެރަލް އޮފީހުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.