ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް އެމެރިކާއިން ހުށަހެޅި ސްޓޭޓަސް އޮފް ފޯސަސް (ސޯފާ) އެގްރީމެންޓްގައި ސޮޔެއް ނުކުރެވޭނެ ކަމަށާއި އެކަމުގައި އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމު މިއަދު ވިދާޅުވީ ސޯފާ އެގްރިމެންޓްގައި ސޮއި ނުކުރެވޭނީ އިސްލާމީ ގައުމަކަށް ހަމަލާދޭ އިރު އެމީހުން (އެމެރިކާ ސިފައިން)ގެ މަންޒިލަކަށް ރާއްޖެ ބޭނުންކޮށްފާނެތީ ކަމަށެވެ.

"ސޯފާ އެގްރިމެންޓްގައި ސޮޔެއް ނުކުރެވޭނެ، ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަކަށް، އަދި އެމީހުންގެ މަނަވަރުތަކަށް ތެޔޮ އަޅާ މަންޒިލަކަށް ރާއްޖެ ނުހެދޭނެ، ސަބަބަކީ އިސްލާމީ ގައުމަކަށް ހަމަލާ ދޭއިރު އެމީހުންގެ މަރުކަޒަކަށް ރާއްޖެ ބޭނުންކޮށްފާނެ، މިކަމާ އެއްވެސް ދުލެއް ނުދެވޭނެ،" ފޭސްބުކް ސްޓޭޓަސްގައި ޝަހީމު މިއަދު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރް ޝަހީމު އަދި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދީނީ މިނިވަންކަމެއް ނުދެވޭނެ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ އެކަމަށް ތަން ނުދޭ ކަމަށާއި ދިވެހި ރައްޔިތުން ވެސް އެގޮތް ބޭނުން ނުވާ ކަމަށެވެ. "ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމެއް ނުދެވޭނެ، އިންޝާއަﷲ، ރާއްޖޭގެ ގާނޫނު އަސާސީ އެކަމަކަށް ތަނެއް ނުދޭ، އަދި ރައްޔިތުން ވެސް އެގޮތް ބޭނުމެއް ނުވޭ. ރާއްޖޭގެ ދާޚިލީ މަސްލަހަތު ހިފެހެއްޓުމަކީ ރައްޔިތުންގެ ކަމެއް، ރައްޔިތުން އެ ވާޖިބު އަދާކުރާނެ، އިންޝާއަﷲ،"

ޑރ. ޝަހީމު މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ރާއްޖެއާ އެކު އެމެރިކާއިން ސްޓޭޓަސް އޮފް ފޯސަސް (ސޯފާ) އެގްރިމެންޓްގައި ސޮއިކުރުމުގެ ވާހަކަ ދެކެވެމުން ދަނިކޮށެވެ. އަދި ރާއްޖޭގައި ދީނީ މިނިވަންކަމުގެ ހައްގު ދިނުމަށް ބާރުއަޅާފައިވާނެ ކަމަށް އެމެރިކާއިން ބުނެފައިވަނިކޮށެވެ.