މާލޭގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ފިނިމާގޭ އާސިމް ވަހީދު ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ހ. ފިނިމާގޭގެ ދެވަނަ ފަންގިފިލާގައި އާސިމް ދިރިއުޅޭ ކޮޓަރި ފުލުހުން ބެލިއިރު އެތާގެ ތެރެއިން ފެނުނު މަސްތުވާތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު އޭގައި 98.1771 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ. އެ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ކާކުގެ ތަކެތިކަން އާސިމް އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އޭނާގެ އިތުރުން ގއ. ވިލިނގިލީ ޒާވިޔާ މުހައްމަދު ލުބާން އަދުނާނު ރަޝާދުގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ކުރި ދައުވާގައި ލުބާނު ކުރިކަމަށް ބުނެފައިވާކަންތައް އޭނާ ކުރިކަމަށް އެއްވެސް ހެއްކަކު ހެކިބަސް ދީފައި ނުވާކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

"...ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނުނުގެ 103 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން އާސިމް ވަހީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން އާސިމް ވަހީދު އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކޮށް، މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އާސިމް ވަހީދަށް އަންގައި، މި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ލުބާން އަދުނާނު ރަޝާދުގެ މައްޗަށް މި ދައުވާ ސާބިތު ކުރެވޭވަރުގެ ކާފީ ހެކި ގަރީނާ ލިބިފައި ނުވާތީ، މުހައްމަދު ލުބާން އަދުނާން ރަޝާދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.