21 May 2013, 15:40
ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގައި ރޭ ގްރޫޕް ދޭއްގެ ފަހު މެޗުގައި ޔޫތްު ސްޕޯޓްސް އާއި ދަ ބައުސް ބައްދަލުކުރާން އޮތް މެޗު ރެފްރީން ނެތުމުގެ ސަބަބުން ނުކުޅެ ފަސްކޮށް މިރޭ ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ދެޓީމްގެ ބައެއް ކުޅުންތެރިން ބުނީ ރޭ ކުޅެން ހަމަޖެހިފައިވާ މެޗު މިރެއަށް ފަސްކޮށްފައިވަނީ ބާސްކެޓް އެސޯސިއޭޝަންގައި ރެފްރީން ނެތުމުންގެ ސަބަބުން ކަމަށެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ސަންއަށް މައުލޫމާތު ދެމުން ބުނީ، ޔޫތު ސްޕޯޓްސް އާއި ދަ ބައުސް ރޭ ކުޅެން އޮތް މެޗް ބާސްކެޓް އެސޯސިއޭޝަނުން ފަސް ކުރީ އެއްވެސް ހަމަހަމަ އުސޫލެއް ނެތި ކަމަށެވެ. އަދި އެ ސޯސިއޭޝަނުން މެޗް ފަސް ކުރުމަށްފަހު ރޭ ކުޅެން އޮތް ދެޓީމާ ބައްދަލުކުރުމަފަހު ބުނީ މިރޭގެ މެޗުގައި ރެފްރީކަން ކުރާނީ ކުލަބެއްގެ ކޯޗެއް ކަމަށެވެ. އެ ކުޅުންތެރިޔާ ބުނީ އެއީ އެއްވެސް އިންސާފު ހުރި ގޮތެއް ނޫން ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ބައެއް ރެފްރީން ވަނީ 18 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމް ފީބާ އޭޝިއާ ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ގޮސްފައިވާތީވެ، ރާއްޖެ ކުޅޭ މެޗްތައް ބެލުމަށް ބެންކޮކަށް ގޮސްގަމަށެވެ.
އެހެން ނަމަވެސް ބާސްކެޓް އެސޯސިއޭޝަނުން ބުނީ، މިވަގުތު ތިބި ރެފްރީން ބަލިވެ އުޅޭތީވެ ރޭގެ މެޗް ކެންސަލް ކުރީ ކަމަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި، ދަ ބައުސް އާއި ޔޫތު ސްޕޯޓްސް މިރޭ 9:00ގައި ބައްދަލުކުރާން ހަމަޖެހިފައި ވާއިރު މެޗުން މޮޅުވާޓީމެއް ސެމީއަށް ދަތުރު ކުރާނެއެވެ. އަދި މެޗުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަން ޖެހޭނީ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ހޯދި ޕޮލިސް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 9:00ގަ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އީގަލްސް ނުކުންނާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ޑީ ބާސްކެޓް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގަ އެވެ.
މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 9:00ގަ އެވެ.