ކުޑައްކުއްޖަކާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީގެ ތިން މަސް ކުރިން ފެށިގެން ހޯދަމުންދިޔަ މީހަކާއެކު އިތުރު މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހޯދަން އިއުލާންކުރި މ. ހުނަރު، މައުސޫމް އައްބާސް، 23، ހޯދަން އަނެއްކާވެސް ފުލުހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ހަމަ އެ މައްސަލައި ފެބުރުއަރީ މަހު އިއުލާންކުރި މ. ހީރޯ މުޙައްމަދު އުބައިދު އިބްރާހީމް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މައުސޫމް އައްބާސް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން އެދިފައިވެ އެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އިތުރު މައްސަލައެއްގައި ވެސް މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. ފުލުހުން ބުނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގދ. ނަޑެއްލާ، މަންޒިލް، މުހައްމަދު ނަޝީދު ޢަބްދުލް މުހްސިން 23، ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ފޮޓޯ އާންމުކޮށްފައިވާ އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އަންގަން ފުލުހުން އެދެ އެވެ.