21 May 2013, 14:59
މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު އަންދާލި އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ތިނަދޫ ޕޮލިސް ސްޓޭޝަން އަލުން އާރާސްތުކުރުމުގައި އެހީތެރިވެދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޓާކިޝް ނޭޝަނަލް ޕޮލިސްގެ ސީނިއާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގެންނެވި އެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޓާކިޝް ނޭޝަނަލް ޕޮލިސްގެ ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މރ. މެހްމެތް އާޑެމް އާއި، އެތަނުގެ ސްޓްރެޓެޖީ ޑެވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އޮފިޝަލް މރ. އޮނާ ކޯސްކުން އާއި ކޮންސްޓްރަކްޝަން އެންޑް ސްޓޭޓް ޑެވެލޮޕްމަންޓްގެ އޮފިޝަލް މރ. ޑޯގަން މައިކޯ އެވެ.
އެ ޓީމުގައި ހިމެނޭ ބޭފުޅުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ވެސް ފުލުހުންގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
އެއްހަފްތާގެ މުއްދަތަށް އެ ޓީމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެތާހުރި ފުލުހުންގެ ޓްރޭނިން ސެންޓަރަށާއި ފުލުހުންގެ އިމާރާތްތައް ބައްލަވާލައްވާ އެތަންތަން އަލުން އާރާސްތުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައި ކަމަށް ފުލުހުން ބުނެ އެވެ.
އަދި މާދަމާގެ ވަގުތެއްގައި އެ ޓީމް ގދ. ތިނަދޫއަށް ޒިޔާރަތްކޮށް ތިނަދޫ ޕޮލިސް ސްޓޭޝަން އަލުން އާރާސްތުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުން ފިލުވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ޓާކިޝް ނޭޝަނަލް ޕޮލިސްގެ ސީނިއާ ފުލުހުންގެ ޓީމެއް ރާއްޖެއަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރު ފުލުހުންގެ މަރުކަޒުތައް އަންދާލުމާ ގުޅިގެން ފުލުހުންގެ ޓްރޭނިންތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރުމާއެކު އެކަމުގައި އެހީތެރިވެދިނުމަށް ބޭރުގެ ފަރާތްތަކުގައި ކޮމިޝަނާ އޮފް ޕޮލިސް އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.