މިދިޔަ ހަފްތާގެ ބުދަ ދުވަހު އައްޑޫ ސިޓީގެ މަރަދޫގައި ހިނގަދިޔަ ހަމަނުޖެހުންތަކެއްގައި ޒުވާނުންތަކެއް ހައްޔަރުކުރުމުގެ ތެރޭގައި އެ މީހުންނަށް ފުލުހުން އަނިޔާކުރި ކަަމަށް ބުނާ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ވެސް ބަލަން ފަށައިފި އެވެ.

އިންޓަގިރިޓީ ކޮމިޝަންގެ ރައީސް އަބްދުﷲ ވަހީދު މިއަދު "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކާ ގުޅިގެން ޒުވާނުންތަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ވެސް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެކަމުގެ ތަފްސީލް ތަހުގީގު ކުރިއަށްދާތީ ދެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި ގޯސްކޮށް ކަމެއް ގޮސްފައި ހުރެއްޖެނަމަ އިސްކަމެއް ދީގެން އަޅުގަނޑުމެން ފިޔަވަޅު އަޅާނެ، އެހެން ނަމަވެސް އެކަހަލަ ކަމެއް ހިނގިކަމެއް ނުވަތަ ނުހިނގާ ކަމަށް ވެސް ދަންނަވަން އަދި ތަންކޮޅެއް އަވަސް،" ވަހީދު ވިދާޅުވި އެވެ.

ފުލުހުން މަރަދޫން ޒުވާނުންތަކެއް ހައްޔަރުކުރީ އެ ރަށުގެ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލްކޮށް، ބައެއް މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޒުވާނުންނަށް ފުލުހުންގެ އެސްއޯ ޓީމުން އަަނިޔާކޮށްފައިވާ މައްސަލަ ބެލުމަށް ފުލުހުންގެ "ޕްރޮޕެޝަނަލް ސްޓޭންޑަޑް ކޮމާންޑް" (ޕީއެސްސީ)ގެ ޓީމެއް އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ފުލުހަކު އަމަލްކޮށްފައިވާ ނަމަ އެ ކަމެއް ބެލި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އައްޑޫއިން ފުލުހުން ބޭލުމަށް ގޮވާ ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ކޮމިޝާނާ ވިދާޅުވި އެވެ.

"ފުލުހެއްގެ ފަރާތުން ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް އޮތިއްޔާ އެ ކޮންސާން އޮންނަން ޖެހޭނެ، އެކަންތައް ހުށަހެޅެން ވެސް ޖެހޭނެ، އެބަހުރި ފުލުހުން ނޫނަސް އެހެން މުއައްސަސާތައް ވެސް، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ވައިލޭޝަން ކަމެއް ވެއްޖެއްޔާ އެކަން ވެސް ބެލޭނެ، އެކަންކަން ބެލީމަ ނިމުނީ، އައްޑޫ ސިޓީގައި ތިބި ފުލުހުން ބާލަން ގޮވާ ގޮވުން އަޅުގަނޑު އެއްވެސް ގޮތަކަށް ބަލައެއް ނުގަންނަން، އެތަނުގައި ފުލުހުން ތިބޭނެ ކުރިއަށް އޮތް ތަނުގައި ވެސް ތިބޭނެ، ފުލުހުންގެ ވާޖިބެއް އައްޑޫ ސިޓީގައި އަމާން މާހައުލެއް ގާއިމް ކުރުމަކީ، އެކަންތައް ކުރުމުގައި ފުލުހުން އަމަލް ކުރަންވީ ގޮތެއް މައްސަލަތަކުގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރާ މީހުންނަަކަށް ބުނެދެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ފުލުހުން އަމަލް ކުރަންވީ ގޮތް ފުލުހުންގެ އޮޕަރޭޝަން މެނުއަލްތަކާއި ގަވާއިދުތަކުގައި އެބަހުރި ބަޔާންކޮށްފައި، އެއާ ހިލާފަށް އަމަލް ކުރާނަމަ އެކަމެއް ކުރި ފުލުހަކާ މެދު ފިޔަވަޅު އަޅާނެ،" ރިޔާޒު ވިދާޅުވި އެވެ.

މަރަދޫގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއްގެ ތެރޭގައި މިދިޔަ ހަފްތާގައި ހިނގައި ދިޔަ އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ އެ ރަށުން އަށް މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެތެެރެއިން އެކަކު ވަނީ ދޫކޮށްލައިފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުން ހިމެނެ އެވެ. އެ މައްސަލައިގައި ހިމެނޭ ހަތް މީހުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމަލުކޮށްފަ އެވެ.