ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓުތައް ރަނގަޅު ކުރުމަށް ރާއްޖެއިން ބޭރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

"ސަންއޮންލައިނަށް" ދެއްވި އިންޓަވިއު މުންދު މިއަދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް ގަލޮޅު ދަނޑުގެ ބޮކީގެ އަލިތައް ރަނގަޅު ކުރުމަށްޓާކައި ޓެންޑާއެއް ކުރި ކަމަށާއި އެކަމުގެ އެސިސްމެންޓެއް ހެދުމަށް ހުޅުވާލި ހުޅުވާލުމުގެ ތެރެއިން ބައެއް ފަރާތް ތަކުން ކުރިމަތިލާގެން އެއް ފަރާތަކުން ވަނީ އެ އެސިސްމެންޓް ހެދުމަށް ފަހު ފޮނުވާފައި ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ރިޕޯޓް ފޮނުވާފައި ވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށެވެ. އެހެން ނަމަވެސް އެކުން ފުނީގެ ނަމެއް މިނިސްޓަރު ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.

"ގަލޮޅު ދަނޑުގެ ބޮކީގެ އަލިތައް ރަނގަޅު ކުރުމަށްޓަކައި ޓެންޑާއެއް ކުރިން. އެހެން ނަމަވެސް އެކަން ކޮށްދިނުމަށް އެދި މިހާތަނަށް އެސިސްމެންޓް ފޮނުވީ އެންމެ ފަރާތަކުން. އެއީ ބޭރުގެ ކުންފުންޏެއް. އަދި އެމީހުންނަކީ ލައިޓިން މަސައްކަތް ދެކުނު އޭޝިއާ ސަރަހައްދުގައި ވަރަށް ފުޅާކޮށް ކުރާ ބައެއް. އެމީހުން ވަނީ ރާއްޖެއަށް އައީސް ގަލޮޅު ދަނޑު ބަލާފައި ރިޕޯޓެއް ވެސް ފޮނުވާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ލައިޓުތައް ހެދުމަށް ޝައުގުވެރިކަން ފާޅުކުރި ބޭރުގެ ކުންފުނީން މިހާރު ވަނީ އެކަމަށް ހަރަދުވާނެ ފައީސާގެ އަދަދާއި އެލައިޓުތައް ރަނގަޅު ކުރުމަށް ހޭދަ ވާނެ ދުވަސް ތަކުގެ ރިޕޯޓެއް ފޮނުވާފައި ކަމަށެވެ.

"ގަލޮޅު ދަނޑުގައި ހުރި ހަތަރު ދަނޑީގެ ލައިޓު ތަކުގެ ތެރެއިން ގާތް ގަނޑަށް 40 ލައިޓު ވަނީ އަދާފަ. ލައިޓުތައް އެދުމުގައި ވައިރިންގެ މައްސަލަވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކުރީ ކޮޅު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ގަލޮޅު ދަނޑަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށާއި އެގޮތުން ދަނޑުގައި މީޑިއާ ބޮކްސްއެއް ހެދުމާއި ރެފްރީންގެ ޗޭންޖިން ރޫމެއް ހެދުމާއި ގޮޑި ތައް ރަނގަޅު ކުރުމާއި އެހެން ގޮސް މުޅި ގަލޮޅު ދަނޑު "އޯވަ ހޯލް " ކުރަން ނިންމާފައިވާ ކަމަށެވެ.