ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 123 ވަނަ މާއްދާ ގެ (ހ) ގެ ދަށުން އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ހަތަރު މެންބަރަކު ސޮއި ކުރައްވައި ޖޭއެސްސީއާއި ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ތިން މައްސަލަ އެއް ބަލައިދިނުމަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

އެ ބޭފުޅުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ދެކޮޅަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް އެދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފޮނުވި ސިޓީގެ މައްސަލަ ބަލައިދިނުމަށެވެ. އަދި އެ ސިޓީގައި ޖޭއެސްސީގެ ނައިބު ރައީސް ސޮއި ކުރެއްވި މައްސަލަ އެވެ.

އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ މެންބަރުން ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން އެޕްރީލް މަހު ޖޭއެސްސީން ހައިކޯޓަށް ފޮނުވި ސިޓީއަކީ ގާނޫނާއި ގަވާއިދާއި ހިލާފަށް ފޮނުވާފައިވާ ސިޓީއެކެވެ. އަދި އެ ސިޓީގައި ޖޭއެސްސީގެ ނައިބް ރައީސް ސޮއި ކުރައްވާފައި ވަނީ ވެސް ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެމްޑީޕީން ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ކޮމިޝަނަސް ރައްދުވާ މައްސަލާގައި ކޮމިޝަނުގެ ރައީސާއި، ނާއިބު ރައީސް ސޮއި ކުރައްވާފައި ވަނީ ކޮމިޝަންގެ ޖާލްސާ ތަކުގައި މަޝްވަރާ ނުކޮށް ކަމަށެވެ. އަދި އެހެން ކަމުން ކޮމިޝަންގެ އެހެން މެންބަރުންނާއި މަޝްވަރާ ކުރުމެއްނެތި ކޮމިޝަންގެ ނަމުގައި އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ސޮއި ކުރެއްވީ ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށް އެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ޖޭއެސްސީއާ ދެކޮޅަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުންދާ އެ ކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފް އަލީ އެ ކޮމިޝަނަށް ހާޒިރު ކޮށްފައި ވަނީ އެ ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން ކަމަށާއި އެހެން ކަމުން އެ މައްސަލަ ބަލައި ދިނުމަށް ވެސް އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ މެންބަރުން ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން ކޮމިޝަނަށް ލިބިގެންނުވާ ގާނޫނީ ބާރުތަކެއް އެ ކޮމިޝަނުން ބޭނުންކޮށް ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތަށް ވަކިގޮތަކަށް ނިންމުމަށް ލަފަޔާއި އިރުޝާދު ދެމުން ގެންދާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ މެންބަރުން ހުށަހެޅި މައްސަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ހަތަރު މެންބަރުކު ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތުގެ ކޮމެޓީ އަށް އިއްޔެ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލާގައި އިދާރީ ބައެއް މައްސަލަތައް ހުރުމުން އެ މައްސަލަތައް ހައްލު ކުރުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.