21 May 2013, 13:14
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު މަރުވެފައި އޮތް ޒުވާނަކު މާލޭ ގެއެއްގެ ތެރެއިން ފެނުނެވެ. އަދި މައްޗަންގޮޅި ގެއެއްގެ ތެރޭގައި މެދު އުމުރުގެ ފިރިހެނަކު މަރުވެފައި އޮއްވާ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވެސް ވަނީ ފެނިފަ އެވެ. މާލެއަށް ނިސްބަތްވާ އެ ދެ މީހުންގެ ވެސް މަރާ ބެހޭ ތަފްސީލެއް ފުލުހުން އަދި މިހާތަނަކަށް އައި އިރު ހާމައެއް ނުކުރެ އެވެ.
މިދެ މީހުންގެ މަރާ ގުޅޭ ގޮތުން ދެކެވޭ ތަފާތު ވާހަކަ ތަކާ ގުޅިގެން ސަންގެ ނޫސްވެރިން ވަނީ މި ދެ މަރުގެ ހަގީގަތް ނުވަތަ މި ދެމީހުންގެ މަރާ ގުޅިފައިވާ ސަބަބު ހޯދަން މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ސަންގެ ނިއުސްޓީމަށް ވަނީ ކަންތައްތަކެއް ފާހަގަ ވެސް ކުރެވިފަ އެވެ.
މި މީހުންގެ ތެރެއިން މއ. ސްނޯ ސުކައިގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ އާދީއްތަ ދުވަހުގެ ރޭ ފެނުނީ އެގޭ އަހުމަދު ނަސީމް، 53 އެވެ. އޭނާ މަރުވެފައި އޮތް ކޮޓަރިތެރެއަށް ފުލުހުން ވަން ވަގުތު ސަންގެ ނޫސްވެރިންނަށް ވެސް އެ ސީނަަށް ވަދެވުނެވެ. ޑެގް އަޅައިގެން މައްޗަށް ހަދާފައިހުރި އެ ގޭގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ނަސީމް މަރުވެފައި އޮތް އިރު އެ ކޮޓަރި ތެރޭގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހަކުރު ބަލި ހުންނަ މީހުން އިންސިއުލިން ޖަހަން ބޭނުންކުރާ ވައްތަރުގެ ދެ ސިރިންޖު ކަށި އޮއްވާ ސަންގެ ނިއުސް ޓީމަށް ފެނުނެވެ. އަދި ދަށުން ހޫނު ކުރުމުގެ ސަބަބުން ދެލި އަރާފައި އޮތް ސަމުސަލެއް ވެސް އެ މޭޒު މަތީގައި އޮއްވާ ފެނުނެވެ. އެ ސަމުސަލުގެ ތެރޭގައި ރަތް ވެފައި އޮތް ކަފަ ކޮޅެއްވެސް އޮތެވެ.
ނަސީމް އޮތް ކޮޓަރިތެރެއަށް ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަން އިރު، ނަސީމް އޮތީ މުންޑެއް އަނދެގެން ހުސްގަޔާ އެ ކޮޓަރީގެ އެނދު ކައިރީ ތަޅުންގަނޑު މަތީގަ އެވެ. އަދި އޭނާގެ އަނގައިން ބޭރަށް ފޮނު ތަކެއް ނުކުމެފައި ހުރިތަން ވެސް ސަންގެ ނޫސްވެރިންނަށް ފެނުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ނޫން އިހަށްދުވަހު ނުވަތަ އޭގެ ކުރީ ދުވަހު ނަސީމް އޭނާ ދިރި އުޅޭ ކޮޓަރި ތެރެއަށް ވަތް ގޮތަށް ނުނިކުންނަ ކަމަށް އެނާ ދިރިއުޅޭ ގޭގެ މީހުންނަށް ފާހަގަ ކުރެވިގެން އިއްޔެ ރޭ 12:17 އެހާއިރު ފުލުހުންނަށް އެންގި ކަމަށެވެ. ފުލުހުން ގޮސް ބެލި އިރު ނަސީމް ކޮޓަރި ތެރޭގައި މަރުވެފައި އޮންނަތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށާއި އޭނާ އޮތް ކޮޓަރިތެރެ ޗެކް ކުރި އިރު އެ ކޮޓަރީގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ނަސީމް ދިރިއުޅޭ ހިސާބުގައި އުޅޭ ދުވަސްވީ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް ކިޔައިދިން ގޮތުގައި "ހޫރެމުން ހޫރެމުން" ކަހަލަ ގޮތަކަށް ނަސީމް އިއްޔެ ނޫން ކުރީ ދުވަހު ފެނުނު ކަމަށެވެ. "އަޅުގަނޑު ގޭ ދޮރު މަތީގައި ހުއްޓާ ނަސީމް ފާޑަކަށް ހޫރެމުން ކަހަލަ ގޮތަކަށް ހިނގާފައި ގޮސް އެ ގޭ ގޯޅި ތެރެއަށް ވަންނަނިކޮށް ދެކުނިން. އަޅުގަނޑަށް ހީވަނީ އޭނާ ހުރީ ކޮންމެ ވެސް މަސްތުވާ އެއްޗެއް ބޭނުން ކޮށްގެންހެން. ދެން އޭގެ ފަހަކުން ނުދެކެން. އެހެން ނޫނީ ކޮންމެ ދުވަހަކު ވެސް ފެންނާނެ. ދެން މި އިވުނީ ނަސީމް މަރުވެގެން އުޅޭ ވާހަކަ،"
ނަސީމް އެފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނިފައިވާ އިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު އޯވަޑޯޒްވެގެން މަރުވި ކަމަށް ބެލެވޭ އުމުރުން 25 އަހަރުގެ އިމްލާގް ޝަރީފް ކިޔާ ޒުވާނާ އޮތް ކޮޓަރި ތެރެއިން ވެސް އިންޖެކްޝަން ކަށްޓާއި، އިންޖެކްޓް ކޮށްގެން މަސްތުވުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެކި ފަހަރު މަތީން މަސްތުވާ ތަކެތިން ސަލާމަތް ވުމަށް ފަރުވާ ހޯދާފައިވާ ޒުވާން އިމްލާގް މަރުވިއިރު އުމުރުން ފަސް މަސް ވެސް ނުވާ ތުއްތު ކުއްޖަކާއި އެއް އަހަރުގެ ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ. އިމްލާގްގެ އަންހެނުން ހުރީ ވަރިވެގެންނެވެ. ތަކުރާރުކޮށް މަސްތުވާ ތަކެތި ބޭނުންކުރާތީ އިމްލާގްގެ އަންހެނުން އަމިއްލައަށް އެދިގެން ވަރިވީ ކަމަށް އިމްލާގްގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ދައްތަ ސަން އަށް ކިޔައިދިނެވެ.
ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނަސީމްއާއި އިމްލާގާއި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮތް ދެ މީހުންނެވެ. އެ މީހުންގެ މަރުގެ އަސްލު ސަބަބަކީ އިންޖެކްޓު ކޮށްގެން މަސްތުވުމުން އޯވަޑޯޒުވުން ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެ ދެ މީހުންގެ މަރުގެ އަސްލަކީ އެއީކަން އެނގޭނެ ހެކިތައް ފުލުހުން އެދަނީ ޖަމާކުރަމުންނެވެ.
ރާއްޖޭގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މައި ޖަމިއްޔާ ކަމަށްވާ ޖާނީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރު އަހްމަދު އަބަދުއްސައްތާރު ވިދާޅުވިގޮތުގައި މި އަހަރުގެ މިހާތަނަށް އެ ޖަމިއްޔާއިން ހަދާފައިވާ އައުޓްރީޗް ސާވޭ ތަކުން ދައްކާ ގޮތުން އިންޖެކްޝަން ކަށި ބޭނުން ކޮށްގެން މަސްތުވާ މީހުން ރާއްޖޭގައި ގިނަވަމުން އަންނަ ކަން ވަނީ ފާހަގަކުރެވިފަ އެވެ.
އިންޖެކްޝަން ކަށި ބޭނުންކޮށްގެން މަސްތުވުމަކީ އަމިއްލައަށް މަރުވުން ފަދަ ނުރައްކާތެރި ކަމެކެވެ. އަތުގެ ނާރު ތަކުގެ ތެރެއަށް އަމިއްލައަށް އެ ކަށި ޖަހާއިރު އޯވަރޑޯޒް ވުމުގެ ފުރުސަތު ބޮޑުވެ އެވެ. މިގޮތަށް އަމިއްލަ އަށް ކަށި ހަރާ އިރު ނުބައި ތަނަކަށް ކަށި ހެރި، ތިމާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދަނީ މަދު ފަހަރަކު ނޫނެވެ.
"އިންޖެކްޝަން ކަށީގެ އެހީގައި ޑްރަގް ބޭނުންކުރުމަކީ އަމިއްލައަށް މަރުވުން ފަދަ ކަމެކޭ ދެންނެވޭނީ. އެއީ އޯވާޑޯޒް ވުމުގެ އިތުރުން އެ ކަށި ޖަހަން އުޅުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ނުބައި ނާރަކަށް ޖެހިގެން ނުރައްކާވޭ. އަޅުގަނޑުމެންނަށް އެއްކުރެވިފައިހުރި މައުލޫމާތުގެ މައްޗަށް ބުރަވެ ކުރު ގޮތަކަށް ބުނާނަމަ ބުނެވޭނީ އިންޖެކްޝަން ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާ ކޮންމެ ފަހަރަކީ ފިފްޓީ ފިފްޓީ ޗާންސެކޭ،" އަހްމަދު ބުންޏެވެ.
ޖާނީން އެ ގޮތަށް ބުނާއިރު އެ ވާހަކައާ ދެބަސް ވެވޭކަށް ނެތެވެ. އެއް ސަބަބަކީ ސައިންސުގެ ހޯދުން ތަކުން ވެސް އެކަން ކަށަވަރުވާތީ އެވެ. އަދި ރާއްޖޭގައި މީގެ ކުރީން ވެސް މިފަދަ ނުރައްކާތެރި މަރުގެ ހާދިސާތައް ހިނގާފައިހުރިކަން ރެކޯޑްސް ތަކުން ސާބިތު ވާތީ އެވެ.