ބޮޑުހިލަ ނުލިބުމުގެ ސަބަބުން އެމްޓީސީސީއިން ހަދަމުންދާ ބަނދަރުތަކުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު މަރިޔަމް ޝުހާނާ މިއަދު "ސަން" އަށް ވިދާޅުވީ ބޮޑު ހިލަ ނުލިބުމުގެ ސަބަބުން ނ. މަނަދޫ އާއި ރ. އުނގޫފާރުގެ އިތުރުން ށ. ކޮމަންޑޫ އާއި ފ. ފީއަލީ އާއި މ. މުލަކުގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ބޮޑު ހިލަ ނުލިބުމުގެ ސަބަބުން އެމްޓީސީސީގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަނދަރު ހެދުމުގެ މަސައްކަތްތަކެއް ހުއްޓައެއް ނުލާނަން. ނަމަވެސް މިހާރު މިވަނީ ހިލަ ނުލިބުމުގެ ސަބަބުން މަޑު ޖައްސާލާފައި. އަޅުގަނޑުމެނަށް ވަރަށް ބޮޑު ދަތިތަކަކާ މިހާރު ކުރިމަތިވޭ ބޮޑު ހިލަ ނުލިބޭތީ،" ޝުހާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ހިލަ ހޯދުމަށް ތަފާތު ފަރާތްތަކާއި މަޝްވަރާކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއިން ހިލަ ނުލިބޭއިރު އެހެންގައުމުތަކުން ހިލަ ގެންނަން އަގު ވަރަށް ބޮޑުތަން ބޮޑުކަމަށާއި އެއީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޝުހާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ސްޓޮކްގައި މިހާރު ހުރީ ވަރަށް މަދު ހިލަތަކެއް ކަމަށާއި އަދި ހިލަ ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ކުރިން އިންޑިއާއިން ގެންނަ ހިލަ އެ ގައުމުން ދާދިފަހުން ބޭރުކުރުން މަނާކުރުމުން ލަންކާގެ އިތުރުން ބަންގްލަދޭޝް ފަދަ ގައުމުތަކުން ވެސް ހިލަ ހޯދަން އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެސްޓީއޯއިން ވަނީ ދާދިފަހުން 8،000 ޓަނުގެ ހިލަ ޝިޕްމަންޓެއް ދުބާއީން ގެނެސްފައެވެ.