21 May 2013, 12:31
ރެއާލް މެޑްރިޑުގެ ކޯޗް ކަމުން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވަކިވާން ނިންމާފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ، މިސީޒަނަށްފަހު ރެއާލްގެ ކޯޗްކަމުން މޮރީނިއޯ ވަކިވާން ނިންމީ ކުލަބުގެ މެނޭޖްމަންޓާއި މޮރީނިއޯއާ ވެވުނު އެއްބަސް ވުމެއްގެ ދަށުން ކަމަށެވެ.
"ކޯޗް ކަމުން މޮރީނިއޯ ވަކިވާނެ. އެކަމަކު އަދި ސީޒަންގައި ރެއާލްއަށް ބާކީ ދެމެޗް އެބޮތް. ކޯޗް ކަމުން މޮރީނިއޯ ވަކިވަނީ ކުލަބުގެ މެނޭޖްމަންޓާއި ވެވުނު އެއްބަސްވުމެއްގެ ދަށުން،" ރެއާލްއިން ރޭ ބޭއްވި ނޫސްކޮންފަރެސްގައި ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވި އެވެ.
ޕެރޭޒް ވިދާޅުވީ، ކޯޗް ކަމުން ވަކިވާން މީގެ ކުރިން ވެސް ނިންމި ކަމަށާއި އެހެން ނަމަވެސް އޭނާ ކުލަބުގައި މަޑުކޮށްލައިގެ ން ހުރީ ރެއާލް އަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެން ކަމަށެވެ.
ރެއާލްގެ ކޯޗް ކަމުން މޮރީނިއޯ ވަކިވާން ނިންމައިފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރެއާލް ކެޓި މެޗަށް ފަހުއެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް ޖެހިޖެހިގެން ތިން ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީން ކެޓުމުން، ބައެއް މީޑިއާ ތަކުގައި އޭނާ އަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ސީޒަނަށްފަހު ރެއާލްގެ ކޯޗްކަމުން މޮރީނިއޯ ދުރަށް ދިއުމުގެ ވިސްނުމެއް ގެންގުޅެމުން ދާކަމަށް ބުނެ މީޑިއާގައި ފެތުރިފައިވާ ހަބަރުތަކަށް ރައްދު ދެމުން މީގެ ހަފްތާއެއް ކުރުން މޮރީނިއޯ ބުނެފައި ވަނީ، ކޯޗިން ކެރިއަރަކީ އޭނަގެ ހަޔާތުގައި ކުރެވުނު ޒިންމާދާރު މަސައްކަތަކަށް ވީއިރު، ކޯޗިން ކެރިއަރުގައި އަދިވެސް ހުރުމަކީ އޭނާއަށް ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވެއްޖެ ނަމަ، ދެން ފެނުން އެންމެ ގާތީ ޗެލްސީން ކަމަށް މޮރީނިއޯ ބުންޏެވެ.