21 May 2013, 12:11
ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބަށް ބިދޭސީ ކުޅުންތެރިއަކާއި ދިވެހި ތިން ކުޅުންތެރިއަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުލަބުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ހަތަރެއް ސުމަކުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުގެ ކޯޗު ބުނީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ މާހައު އޮތް ގޮތުން ނިއުއަށް ލީގުގައި ކުރިއަށް ދެވެން އޮތީ ކުލަބުގެ ސްކޮޑުގައި އެއް ފެންވަރެއްގެ ބައިވަރު ކުޅުންތެރިން ހިމަނައިގެން ކަމަށެވެ.
"އެހެން ކުލަބު ތަކުން މެޗެއްގައި ވިހި ތިރީސް ފައުލް ކުރާއި ރީނދޫ ކާޑެއް ނުދައްކާ. އެކަމަކު ނިއުއިން 90 މިނިޓު ތެރޭގައި ނުރައްކާތެރި ނޫން ގޮތެއްގައި ތިން ހަތަރު ފައުލެއް ކޮށްލިޔަސް، ނިއުގެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާ. ބޭނުމަކީ ދެކާޑު ހަމަ ވުމުން ކުޅުން ތެރިން އެއް މެޗަށް އެބަ ސަސްޕެންޑްވޭ. އެއީ ނިއުރޭޑިއެންޓް މައިތިރި ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ. ފަސްވަރަކަށް ކުޅުންތެރިން އެގޮތަށް ސަސްޕެންޑް ކޮށްފިއްޔާ އަހަރުމެންނަށްވެސް މެޗު ކުޅެން އުނދގޫވާނެ،" ޕޮޕޯފު ބުންޏެވެ. "އެކަމަކު ނަސީބު ރަނގަޅު ކަމުން ޖޫން 10 އެއްގައި ޓްރާންފާ މާކެޓް މި ހުޅުވެނީ. އަހަރެމެން މިބަލަނީ ބިދޭސީ ކުޅުންތެރިއަކާ އިތުރު ދިވެހި ތިން ކުޅުންތެރިއަކު ގެނެވޭތޯ،"
ޕޮޕޯފު ފާހަގަ ކުރި ގޮތުގައި އޭއެފްސީ ކަޕުގައި ނިއުއިން ހަތް މެޗު ކުޅުނު އިރު ރެފްރީންގެ މަސައްލައެއް ނުފެންނަ ކަމަށާއި އެހެން ނަމަވެސް ދިވެހި ލީގުގައި ހަތް މެޗު ކުޅުނު އިރު އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގައި ވެސް ރެފްރީންގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށެވެ.
ނިއުގެ ކޯޗު ބުނީ ބިދޭސީ ކުޅުންތެރިޔަކާއި ދިވެހި ކުޅުންތެރިން ހޯދުމަށްޓަކައި މިހާރު މަޝްވަރާ ކުރަންޖެހޭ ފަރާތް ތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކުޅުންތެރިންގެ މައުލޫމާތު އެ ކްލަބުން ހާމަކުރާނެ ކަމަށެވެ.
ނިއުއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެޓޭކިން ފޯސް އޮތް ކުލަބެވެ. އެހެން ކަމުން އެކުލަބަށް ކުޅުންތެރިއަކު ހޯދަންޏާ ބޮޑަށް މަސައްކަތް ކުރާނީ މެދު ތެރެއަށާއި ފަހަތަށް ކުޅޭ ކުޅުންތެރިއެއް އަތުގައި ޖެހޭތޯ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ނިއުއިން މަސައްކަތް ކުރަނީ ކުލަބު ވެލެންސިޔާއިން ކުޅުންތެރިއެއް ނުވަތަ ދެކުޅުންތެރިއެއް ލިބޭތޯއެވެ. އެގޮތުން މާލީ ދަތިތަކެއްގެ ތެރޭގައި އޮތް ރާއްޖޭގެ އެންމެ ބޮޑު އަދި ދުވަސްވީ އެއްކުލަބުގައި މިވަގުތު ތިބި ނިއުއަށް ބޭނުންވާނޭ ފަދަ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަކުރަމް އަބްދުލް ޣަނީ (އަކޫ) އަދި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެއެވެ.
ނިއުގެ އޮފިޝަލަކު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭފްއެސީ ކަޕުގައި މިހާރު ކުލަބު ގޮސްފައިވާ ހިސާބުން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ކުލަބުގެ މުހިއްމު ބައެއް ޑިޕާޓު މަންޓުތަކަށް އަދިވެސް ކުޅުންތެރިން އެބަ ބޭނުންވާ ކަމަށާއި އެހެން ކަމުން ޓްރާންސްފާ މާކެޓް ފެށުމުން ކުލަބަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.