26 Oct 2010, 12:31
ޑީއާރު.ޕީ އިން ރޭ ބޭއްވި މުޒާހަރާގައި ބައެއް ނޫސްވެރިންނަށް، ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ވެފައިވާތީ އެކަމާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައިފި އެވެ.
ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާވެފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރިޕޯޓް ކޮށްފައި ވާތީ، އެކަމާ މެދު ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެގައި ބުނެފައި ވަނީ އެކަމާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި އަދި ދިވެހި ނޫސްވެރިންގެ ޤައުމީ ޖަމްޢިއްޔާގެ މެންބަރުންނާ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ރައީސް އޮފީހުގެ ވެރިން މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ބައްދަލުކުރެއްވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީއާއި، ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރާއި، ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އާއިޝަތު ޝުވޭކާރާއި، ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ ހުޝާމް މުޙަންމަދެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ބައިވެރިކުރެއްވި މިބައްދަލުކުރެއްވުމުގައި، ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި، ނޫސްވެރިންނަށް ހާނިއްކަތައް މެދުވެރިވެފައި ވަނީ، ބައެއްފަހަރު ސީދާ އެފަރާތްތަކަށް އަމާޒު ކޮށްގެން ކަމަށާއި، ނޫސްވެރިން ފަހަތަށް ޖައްސާއިރު އެކަށީގެންނުވާ ދުރުމިނަށް ފުލުހުން ނޫސްވެރިން ފަހަތަށް ޖައްސާ ކަމަށް ބުނެ ނޫސްވެރިންގެ ފަރާތުން ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ. އަދި ނޫސްވެރިންނާ މުޚާތަބު ކުރުމުގައި، ވަރަށް ހަރުކަށި ޢިބާރާތްތައް ބޭނުންކޮށްފައިވާ ކަމަށާއި އެއްވެސް އިންޒާރެއްނެތި ކުއްލި ފިޔަވަޅުތައް އަޅައި، ކަރުނަގޭހާއި ޕެޕަސްޕްރޭ ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާތައް ނޫސްވެރިންގެ ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.
ސްޕެޝަލް އެންވޯއި އިބްރާހީމް ޙުސައިން ޒަކީގެ ވާހަކަފުޅުގައި ފުލުހުންނާއި ނޫސްވެރިންގެ ދެމެދު ދެކޮޅުވެރިކަމެއް، އުސޫލެއްގެ ގޮތުން އޮވެދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް އެދިވަޑައިގެންފައިވާ ފަދައިން މިބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ، މިކަންކަމުގެ ހައްލުތަކެއް ހޯއްދެވުން ކަމަށާއި ވާހަކަ ދައްކައި ނުވަތަ މަޝްވަރާ ކޮށްގެން މެނުވީ، އެއްވެސް ކަމެއްގައި ހައްލެއް ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ.
މުޒާހަރާތަކާއި، ހަލަބޮލި އެއްވުންތަކުގެ ޚަބަރުތައް ގެންނަން މަސައްކަތް ކުރާ ނޫސްވެރިން ޢަމަލު ކުރާނެ އުސޫލުތަކެއް، މީޑިއާ ކައުންސިލުން އިސްނަގައިގެން، ސަލާމަތީ ބާރުތަކާ ގުޅިގެން އެކުލަވައިލަމުން ގެންދާތީ، އެކަމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލެއްވުން ދެއްވުމަށް، ޒަކީ އިލްތިމާސް ކުރެއްވި އެވެ.
މީގެއިތުރުން، ޤައުމު ބިނާކުރުމުގައި ނޫސްވެރިންގެ ދައުރަކީ ވަރަށްމަތީ އަހަންމިއްޔަތު ކަމަކާއި މިނިވަން ކަމެއް ލިބިދޭންޖެހޭ ދައުރެއް ކަމުގެ ސިޔާސަތު، މި ސަރުކާރުން އަބަދުވެސް ދަމަހައްޓާނެ ކަމަށާއި، މިބާވަތުގެ ކަންކަމުގައި ޙައްލުތަކެއް ހޯދި، އެހައްލުތަކަށް ޢަމަލީ ސިފަ ގެނެވޭނީ، މިކަންކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވިގެންކަންވެސް ޒަކީ ފާހަގަކުރި އެވެ. ނޫސްވެރިންނަށް ހާނިއްކައާއި ތަކުލީފު މެދުވެރިނުވާނޭ ގޮތްތައް އެކަށައެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ސްޕެޝަލް އެންވޯއި ވިދާޅުވިއެވެ.