ތެހެރާން (މޭ 22) : އަންނަ ޖޫންމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް ޢަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީގެ ކެންޑިޑެންސީ ބާތިލްކޮށްފާނެ ކަމުގެ އިޝާރާތެއް އީރާނުގެ ގާޑިޔަން ކައުންސިލުން ދީފި އެވެ.

ގާޑިޔަން ކައުންސިލުން ބުނީ އީރާނުގެ ރައީސަކު އަދާކުރައްވަންޖެހޭ ބުރަ އަދި ޒިންމާ ބޮޑު މަސްއޫލިއްޔަތު އަދާކުރަން ސިއްޙީ ގޮތުން ލާއިޤު ނޫން ކެންޑިޑޭޓުންގެ ކެންޑިޑެންސީ ކެންސަލްކުރާނެ ކަމުގަ އެވެ. އީރާނުގެ ރިޔާސީ ރޭހަށް ކުރިމަތިލައްވާ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަވޭތޯ ބަލައި ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަނޑައަޅައި އެކި ސަބަބުތަކާ ގުޅިގެން ކެންޑިޑެންސީ ބާތިލްކުރުމުގެ ކަންތައް ވެސް ކުރަމުން ގެންދާ ޤާނޫނީ ފަރާތަކީ ގާޑިޔަން ކައުންސިލެވެ.

އެކައުންސިލްގެ ތަރްޖަމާން ޢައްބާސް އަލީ ކަދްޚުދާއި ވިދާޅުވީ އީރާނުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ދުވާލަކު އެންމެ ހައެއްކަ ގަޑީއިރު މަސައްކަތްކޮށްލުމަށްފަހު އަރާމުކުރަންޖެހޭ ސިއްޙީ ޙާލަތުގައި ތިއްބަވާ ބޭފުޅުންގެ ކެންޑިޑެންސީ ބާތިލްކުރާނެ ކަމުގައެވެ. މިއީ އުމުރުން 78 އަހަރުގެ ރަފްސަންޖާނީ އަށް ނުސީދާގޮތެއްގައި ކުރެއްވި އިޝާރާތެއް ކަމަށް ވަނީ ބެލެވިފަ އެވެ. ރަފްސަންޖާނީގެ ސިއްޙީ ޙާލުކޮޅު ހުރި ގޮތުން އޭނާއަށް މިހާރު ބުރަކޮށް މަސައްކަތް ކުރެވެނީ ދުވާލެއްގެ ތެރޭގައި މަދުގަޑީއިރުތަކެއްގައި ކަމަށް އީރާނުގެ މީޑީޔާ ބުނެއެވެ.

ޢަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީއަކީ 1980 ގެ އަހަރުތަކުގައި ރިޔާސީ ދެ ދައުރެއްގައި އީރާނުގެ ރައީސްކަން ކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ. ރަފްސަންޖާނީގެ ސިއްޙީ ޙާލުކޮޅާމެދު ސުވާލު އުފެދިފައިވީ ނަމަވެސް ކުރިޔަށްއޮތް ރިޔާސީ ރޭހުގައި ބައިވެރިވުމަށް އޭނާ ނިންމެވުމާގުޅިގެން އީރާނުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ވަނީ އިތުރުވެގެން ގޮސްފައެވެ. އަންނަ ޖޫންމަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ގޮތުގައި 350 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު މީގެތެރެއިން 8 ބޭފުޅެއްގެ ކެންޑިޑެންސީ ފަހުން އަނބުރައި ގެންގޮސްފައިވެ އެވެ.

އީރާނުގެ މިފަހަރުގެ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ވެސް އެންމެ މުސްކުޅި އަދި އުމުރުން އެންމެ ދުވަސްވީ ބޭފުޅަކީ ރަފްސަންޖާނީއެވެ. އީރާނުގެ ރިޔާސީ ރޭހުގައި އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވިފައިވަނީ އެގައުމުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚަމަނާއި ގެ ތާއީދުލިބިވަޑައިގެންފައިވާ ކޮންޒަވެޓިވް ޚިޔާލުގެ ކެންޑިޑޭޓުންނާއި ޚަމަނާއިގެ ތާއީދުނެތް ކޮންޓްޒަވެޓިވް ކެންޑިޑޭޓުންގެ މެދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)