21 May 2013, 11:52
ހުޅުމާލޭގައި މިކްސް ޔޫޒް ރެސިޑެންޝަލް ކޮމްޕްލެކްސް އަދި ރޯ ހައުސް ތަރައްގީކުރުމަށް ހުޅުވާލި ހަތް ބިމަށް 31 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ބިޑަށް ހުޅުވާލި ބިންތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ފަރާތްތަކާއެކު އަންނަ ހަފުތާގައި ބައްދަލުވުމެއް ބޭއްވުމަށްފަހު ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށަން. އަޅުގަނޑުމެން ލަފާކުރި މިންވަރަށްވުރެ ގިނަ ބަޔަކު މިވަނީ ކުރިމަތިލާފައި،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ކްސް ޔޫޒް ރެސިޑެންޝަލް ކޮމްޕްލެކްސް އަދި ރޯ ހައުސް ތަރައްގީކުރުމަށް ހުޅުވާލި ހަތް ބިން ހަވާލުކުރާނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
އެޗްޑީސީން ބުނީ އަލަށް ތަރައްގީކުރާ ހަތް ބިމުގެ ތެރެއިން ތިން ބިން މިކްސްޑް ޔޫޑް ރެސިޑެންޝަލް ކޮމްޕްލެކްސް ތަރައްގީކުރަން ހާއްސަކޮށްފައިވާ ކަމަށެވެ. އަދި ހަތަރު ބިމުގައި ރޯ ހައުސް ތަރައްގީކުރަން ހާއްސަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ މިކްސްޑް ޔޫޑް ރެސިޑެންޝަލް ކޮމްޕްލެކްސް ތަރައްގީ ކުރަން މި ފަހަރު ބިން ދޫކުރާނީ ހުޅުމާލެ ނެއިބަހުޑް ތިނަކުން ކަމަށެވެ. އަދި ރޯ ހައުސް އަޅަން ބިން ދޫކުރާނީ ނެއިބަހުޑް އެކަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.