ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިސް(އެސްސީއީ) އިން މީރާގެ މުވައްޒަފުން ތަމްރީނުކުރުމަށް ވޯކްޝޮޕްތަކެއް ހިންގަން ފަށައިފި އެވެ.

މީރާއިން ބުނީ އިކޮނޮމިކް މިނިސްޓްރީއާއި އެސްސީއީ އާއި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ އެ ވޯކްޝޮޕްތަކުގައި ތިން ވޯކްޝޮޕަކަށް ބަހާލައިގެން މީރާގެ މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށެވެ. އެގޮތުން އޮޑިޓް އެންޑް އިންވެސްޓިގޭޝަން އާއި ޓެކްސްޕޭޔާ ސަޕޯޓް އެންޑް ސާވިސަސް ގެ އިތުރުން އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސްގެ ދާއިރާއިން ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުންޏެވެ.

"މި ޕްރޮގްރާމްގައި އައިރާސްގެ ތަޖުރިބާ ހާއްސަ ގޮތެއްގައި ޖީއެސްޓީ ތަންފީޒުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރެވޭނެ. އަދި މިޕްރޮގްރާމުން މީރާގެ މުވައްޒަފުން ކުރާ އޮޑިޓްތަކަށާއި ތަހުގީގުތަކަށާއި އަދި ޓެކްސްދައްކާ ފަރާތްތަކަށް މީރާއިން ފޯރުވައިދޭ އެހެނިހެން ހިދުމަތްތައް ތަރައްގީކުރުމަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެ،" މީރާއިން ބުންޏެވެ.

މީރާއިން ބުނީ އެވޯކްޝޮޕްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ވޯކްޝޮޕެއް ގާތްގަނޑަކަށް ފަސް ދުވަހަށް ބަލާލައިގެން ކަމަށެވެ.

މީރާއިން އިތުރަށް ބުނީ އެ ވޯކްޝޮޕްތަކުގައި ކިޔަވައިދެއްވަނީ ސިންގަޕޫރުގައި ޖީއެސްޓީ ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ސިންގަޕޫރުގެ ޓެކްސް އޮތޯރިޓީ، އިންލަންޑް ރެވެނިއު އޮތޯރިޓީ އޮފް ސިންގަޕޯ (އައިރާސް)ގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅުންތަކެއް ކަމަށެވެ.