ބ. އޭދަފުށީ ސްކޫލުގެ އިންޑިއާގެ ޓީޗަރަކު ދަންޖެހިގެން މަރުވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރިޒާ "ސަން"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ސަތީސް ކުމާރު ނަމަކަށް ކިޔާ 26 އަހަރުގެ، މީހާ ދަންޖެހިފައި ހުރިކަން އެނގުނީ މިއަދު ހެނދުނު ސްކޫލަށް ނުނިކުމެގެން، ސްކޫލުން އޭނާގެ ފޯނަށް ގުޅައިގެން ވެސް ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް ބެލުމުން ކަމަށެވެ. އޭނާ ދަންޖެހިފައި ހުރީ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެ ޓީޗަރަކީ މިރަށު ސްކޫލްގެ ކޮޕްޕިއުޓަރު ކިޔަވާދޭ ޓީޗަރު، އޭނާ މިދިޔަ ހަފްތާގައި ވެސް ބޭސްތަކެއް ކާލައިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި،" ރިޒާ ވިދާޅުވި އެވެ.

އޭދަފުށީ ސިއްހީ މަރުކަރު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ވަހީދު މިއަދު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:00 ޖަހާއިރު ކަމަށާއި އޭރު އެ މީހާގެ ހަށިގަނޑު އޮތީ "ހަރު ދަނޑި" އަރާފައި ކަމަށެވެ. އަދި އެމީހާ މަރުވެފައި ހުންނަތާ ހަތް ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ޑޮކްޓަރުން ލަފާކުރައްވަނީ އޭނާ މަރުވެފައި މިވަނީ، އޭނާގެ ހަށިގަނޑު އޮތީ ހަރު އަރާފައި،" ވަހީދު ވިދާޅުވި އެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ ޓީޗަރު ދަންޖެހިގެން މަރުވެފައި ވަނީ އެރަށުގައި އުޅޭ އަންހެން ކުއްޖެއްގެ މައްސަލަައިގަ ކަމަށް ރަށު ތެރޭގައި ވާހަކަފެތުރެ އެވެ. ރަށު ތެރޭގައި ތުންތުން މަތިން އެ ދެމީހުންގެ ލޯބީގެ ވާހަކަތައް ދެކެވެމުންދެ އެވެ. ނަމަވެސް އެެރަށުގެ މީހަކަށް އެ ޓީޗަރު އެއްވެސް އަންހެން ކުއްޖަކާ އެކު ފެނިފައިނުވާ ރަށު ކައުންސިލުން ބުންޏެވެ.