ފޯނެއް ފޭރިގެން ދަނިކޮށް ކޮންޓްރޯލުން ނައްޓައި ސ. ހިތަދޫ ރަތްފުސްގޭ، އަބްދުﷲ ގާސިމްގެ ގައިގައި ޖެހުނު ސައިކަލް ދުއްވާން އިން މީހާ ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމާއެކު 12،000ރ. އިން ޖޫރިމަނާކޮށް އެފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހްމަދު ނާދީ ސަލީމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވައްކަމުގެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ރޭ 9:25 އެހައިކަންހާއިރު ހ. ޓްވޭލައިޓްގޭ ކައިރީ ޕާކިންޒޯންގައި ހުރި ސައިކަލް ވަގަށް ނެގިކަމަށް ނާދީ ޝަރީއަތުގައި އިއުތިފާރުވެފައިވާތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެކުށުގެ އުގޫބާތެއްގެ ގޮތުން ނާދީ އެއް އަހަރަށް ޖަލަށް ލާން ގާޒީ ވަނީ ހުކުމް ކޮށްފަ އެވެ.

ފޭރުމުގެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:45 އެހައިކަންހާއިރު މަޖީދީމަގު ފިހާރައެއްގެ ކައިރީ ހުރި ބިދޭސީއެއްގެ ފޯނު ފޭރުނުކަމަށް ނާދީ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ކުށް ސާބިތުވާކަމަށެވެ. އެހެންކަމުން އެކުށުގެ އުގޫބާތެއްގެ ގޮތުން ނާދީ އެއް އަހަރަށް ޖަލަށް ލާން ގާޒީ ވަނީ ހުކުމް ކޮށްފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު އޯކިޑުމަގު ގައި ހުންނަ ސަލްސާ ރޯޔަލްގެ ހުޅަނގުން އިރަށް އިތުރު މީހަކާއި އެކު ބާރުސްޕީޑުގައި ނާދީ ސައިކަލް ދުއްވާފައި ދަނިކޮށް، މަޑުކުރުމަށް ފުލުހުން އެންގުމުން މަޑުނުކޮށް ގޮސްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެކުށުގެ އުގޫބާތެއްގެ ގޮތުން ނާދީ ހަމަސް ދުވަހަށް ޖަލަށް ލުމާއެކު 12000ރ. އިން ޖޫރިމަނާ ކުރުމަށް ގާޒީ ވަނީ ހުކުމް ކޮށްފަ އެވެ.

ވައްކަމާއި ފޭރުމުގެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ ޖަމާއަތްހަދައިގެން އެ ދެ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ނާދީ ވައްކަން ކޮށްފައި ވަނީވެސް އަދި ފޯނުފޭރިގެންފައި ވަނީވެސް ޖަމާއަތް ހަދައިގެންކަން ސާބިތު ކުރެވޭވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ މިއީ ނާދީގެ މައްޗަށް މިފަދަ ކުށްތަކެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށެވެ. އެކަމުގެ މައްޗަށް ބަލައި އޭނާއަށް ލުއި އަދަބު ދިނުމުގެ ބަދަލުގައި، ގާނޫނުގައި އެކުށްތަކަށް ކަނޑައެޅިފައި އޮތް އެންމެ ބޮޑު އަދަބު ދީފައި ވަނީ އޭނާ ކުރި ކުށްތަކުގެ ސަބަބުން ހިނގި ކަންތަކުން މީހަކު މަރުވެފައިވާތީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އެ މައްސަލަތައް ކޯޓަށް ހުށަހަޅާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ.

ނާދީ ދުއްވި ސައިކަލުންޖެހި އަބްދުﷲ ގާސިމް މަރުވި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ ލައިސަންސްނެތި ސަކަލް ދުއްވުމުގެ ސަބަބުން މީހެއްގެ ގައިގައި ޖެހި، އެ މީހާ މަރުވެފައި ވާތީ އެވެ.