21 May 2013, 11:11
ހުޅުމާލޭގެ ހުޅަނގު ފަރާތު އެއްގަމުތޮށިލުމާއި ޝީޓްޕައިލްކުރުމުގެ މަސައްކަތް 30 މިލިއަން ރުފިޔާއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަޔަކާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ އެ ރަށުގެ 225 މީޓަރުގެ ސަރަހައްދެއްގައި ތޮށިލައި ޝީޓްޕައިލްކުރުން ނުވަ މަސްދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން އަލަށް ހަދާ މަސް ބަނދަރާ ގުޅުވައިގެން ތޮށިލުމާއި ޝީޓް ޕައިލްކުރުން ކުރިޔަށްދާނީ. އެ ސަރަހައްދަކީ ހިއްކުމަށްފަހު ކުރިން ތޮށިނުލެވި އޮތް ސަރަހައްދެއް. އެހެންވެ މި ފަހަރުގެ ބަޖެޓްގައި ހިމަނައިގެން މި މަޝްރޫއުކުރިޔަށް ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
ސުހައިލް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ތޮށިލާ ނިމުމުން ހުޅަނގު ފަރާތުގެ ބޮޑު ބައެއްގަައި ތޮށިލެވޭނެ ކަމަށެވެ.
"އޭރުން ދެން އޮންނާނީ އެމްޕީއެލްގެ ސަރަހައްދުން ފެށިގެން ފެރީ ޓާމިނަލާ ދެމެދު އޮންނަ ސަރަހައްދު އެކަނި ތޮށި ނުލެވި. އެ މަސައްކަތް ވެސް އަދި ފަހުން ކުރިޔަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ހެވީ ފޯސްއާ އެ މަޝްރޫއު ހަވާލުކުރީ ބީލަމަށް ހުޅުވާލުމުން އެންމެ ރަނގަޅު އަގެއް ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ ކަމަށެވެ.