21 May 2013, 11:03
ކުލަބް ވެލެންސިޔާގެ ކޯޗުކަމުން ބަލްގޭރިޔާގެ ބޮއިކޯފް ވަކިކުރަން ނިންމާފައި ވާކަމަށް އެކުލަބުން ބުނެފި އެވެ.
ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކޯޗް ކަމުން ބޮއިކޯފް ވަކިކުރަން ނިންމާފައި ވަނީ ކުލަބުގައި ފައިސާގެ ދަތިތަކެއް އުޅޭތީވެ ކަމަށެވެ. އަދި ކޯޗް ކަމުން ބައިކޯފް ވަކިކުރުމާ މެދު މި ހަފްތާތެރޭގައި ގޮތެއް ނިންމާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
"ކޯޗް ކަމުން ބޮއިކޯފް ވަކިކުރުމުގެ ވިސްނުމެއް އެބަގެންގުޅެން. ބޮއިކޯފް ވަކިކުރަން ނިންމީ ފައިސާގެ ދަތިތަކެއް ކުލަބްގައި މިވަގުތު ހުރީހަމަ. އެކަމަކު އަދި ތިކަމާ ބެހޭ އިތުރު ތަފްސީލެއް ދެވޭކަށް ނެތް،" ބައްސާމް ވިދާޅުވި އެވެ.
މީގެ ކުރިން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަމާއި އެޓީމުގެ ފަހަތް ބެލެހެއްޓި ބޮއިކޯފް ކަމެނޯފް، ވެލެންސިޔާގެ ކޯޗް ކަމުން ވަކިކުރަން އެކުލަބުން ނިންމިއިރު، ބޮއިކޯ އެޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވާތާ ހަފްތާއެއް ވެފައިވާ ކަމަށް ސަންއަށް ވަނީ އެނގިފަ އެވެ.
ބޮއިކޯގެ ކޯޗު ކަމުގައި ވެލެންސިއާގެ މެނޭޖްމަންޓަށް ހިތްހަމަޖެހޭ ނަތީޖާ ނެރެވިފައިނުވާއިރު، ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އިއްޔެ ނިމުނުއިރު ވެލެންސިޔާ އޮތީ 12 ޕޮއިންޓާއެކު ލީގުގެ ތިން ވަނަ މަގާމުގަ އެވެ.