އިސްލާމް އާބާދު (މޭ 21): ގޭބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ރާވަލް ޕިންޑީގެ ކޯޓަކުން ނިންމައިފި އެވެ.

އިސްލާމް އާބާދުގެ ކައިރީގައިވާ އަވަށެއް ކަމަށްވާ ރާވަލް ޕިންޑީގައި ހުންނަ ކޯޓުން ބުނީ ކަފާލާތުގެ ގޮތުގައި ދެ މިލިޔަން ޕާކިސްތާން ރުޕީސް (20،000 އެމެރިކާ ޑޮލަރު) ދެއްކުމުން މުޝައްރަފް މިނިވަން ކުރުމަށް ގާޒީ ނިންމަވާފައިވާ ކަމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ކުރިޔަށްދާނެ ކަމުގަ އެވެ. ކޯޓު އަމުރެއްގެ ދަށުން މުޝައްރަފް ގޭގައި ބަންދުކޮށްފައި ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. މިމައްސަލާގައި މުޝައްރަފްގެ މައްޗަށް ކުރެވިފައިވަނީ ބޭނަޒީރަށް ދައުލަތުންދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި މުޝައްރަފްގެ ސަރުކާރުން އިހްމާލުވެފައިވާ ކަމުގެ ތުހުމަތެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ނަވާބު އަކްބަރުޚާން އަވަހާރަކޮށްލުމުގައި މުޝައްރަފްގެ އަތެއްވާ ކަމުގެ ދަޢުވާއާ މުޝައްރަފްގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ޕާކިސްތާނުގެ ދަސްތޫރުއުވާލެއްވުމާއި ދަސްތޫރާ ޚިލާފަށް ފަނޑިޔާރުން މަޤާމުން ވަކިކުރުމާއި ފަނޑިޔާރުން ގޭބަންދުކުރުން ފަދަ މައްސަލަތަކުގެ ދަޢުވާ ވެސް މުޝައްރަފްގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ހަތަރު އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މާޗް މަހު، މުޝައްރަފް އެނބުރި ގައުމަށް ވަޑައިގަތީ މޭމަހުގެ11ގައި ބޭއްވި ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް ޕާކިސްތާނުގެ އެއްވެސް އިންތިޚާބެއްގައި ދުވަހަކު ވެސް މުޝައްރަފަށް ބައިވެރިނުވެވޭ ގޮތަށް ކޯޓުން ހުކުމްކުރުމުގެ ސަބަބުން މުޝައްރަފަށް ވަނީ މޭ 11 ގައި ބޭއްވި ޕާކިސްތާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިނުގެންފައެވެ. މިއާއެކު އޭނާގެ ޕާޓީ ވެސް ވަނީ އެއިންތިޚާބު ބޮއިކަޓް ކޮށްފައެވެ. (އަލްޖަޒީރާ)