26 Oct 2010, 12:31
ފިނޭންސް މިނިސްޓްރީން މާލޭގެ ހަތަރު ފިހާރަ އަކާއި ތުލުސްދޫން ގުދަނަކާއި ބައެއް ބިންތައް ކުއްޔަށް ދިނުމަށް ނިންމައި ގެޒެޓުގައި އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން މާލެ އިން ކުއްޔަށް ދިނުމަށް ނިންމާފާއިވާ ހަތަރު ފިހާރައަކީ އަމީނީ މަގުގައި ހުންނަ ނިއުޕްލޮޓް 3.4 ފިހާރަ އާއި އަމީނީމަގުގައި ހުންނަ ނިއުޕްލޮޓް ދެ ނަންބަރު ފިހާރަ އާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ސ. އަތޮޅު ފިހާރައިގެ އިރުމަތީބައިގެ ދެކުނު ފެންޑާ އާއި މަޖީދީ މަގުގައި ހުންނަ ބޯޅަ ދަނޑު ނުވަ ނަންބަރު ފިހާރަ އެވެ.
ކ. ތުލުސްދޫން ކުއްޔަށް ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ދެ ގުދަނަކީ ތުލުސްދޫ ޖެޓީކައިރީގައި ހުންނަ 10،000 އަކަފޫޓުގެ ގުދަނާއި އެ ގުތަނުގެ ފަހަތުގައިވާ ހުސްބިމަކާއި އިމާރާތެކެވެ.
މިމަހު 24 ގައި ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބިޑު ހުށަހަޅާފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާގެ ބޭންކު ގެރެންޓީއެއް މިނިސްޓްރީގައި ބަހަންޓަން ޖެހޭނެ ކަމަށެވެ.