21 May 2013, 09:15
ސަރުކާރުގައި ޕީޕީއެމް ބައިވެރިވެގެން ތިބީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދޭކަށް ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ފާޑު ކިޔަންޖެހޭ ދަނޑިވަޅުތަކުގައި ސަރުކާރަށް ފާޑުކިޔާނެ ކަމަށް ތަކުރާރު ކުރައްވައި ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޔާމިން ރޭ ވިދާޅުވީ ސަރުކާރު މަގުން ކައްސާލާ ކަންތަކުގައި ޕީޕީއެމުން އަބަދު ވެސް ފާޑުކިޔާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ނެތިދާވަރުގެ ކަމެއް ކުރިމަތިވެފައިވާނަމަ ޕީޕީއެމުން އަމަލުކޮށްފައިވާ ގޮތުން ސަރުކާރުން ދެމަހެއްޓުމަށް ޕީޕީއެމުން ކުރާ މަސައްކަތް ފެންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރު ދަމަހައްޓަނީ ޕީޕީއެމުން ކަމަށާއި ސަރުކާރުގައި ޕީޕީއެމް ބައިވެރިވެގެން ތިބީ ރައްޔިތުނށް ފައިދާ ހުރި ގޮތުގައި ސަރުކާރު ކުރިއަށް ދޭތޯ ބެލުމަށް ކަމަށެވެ.
"ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ސަރުކާރު ނެތިދާވަރުގެ ކަމެއް މަޖިލީހުގެ ތެރެއިން ކުރިމަތިވެއްޖެ ކަމަށްވަންޏާ، ޕީޕީއެމުން އަމަލުކޮށްފަ އޮތް ގޮތް ބައްލަވާ. އެކަމަކު ސަރުކާރުން ރައްޔިތުންގެ މަސްލަހަތު ނެތް ގޮތުގައި ސަރުކާރުން ގާނޫނާ ހިލާފަށް ކަމެއް ދަންޏާ ފާޑުކިޔައި މަގުދައްކައި ހަމަމަގަށް އެޅުވުމަކީ ޕީޕީއެމުން ކުރަންޖެހޭ ކަމެއް. ޕީޕީއެމުން މި އިއްތިހާދުގައި ބައިވެރިވެގެން މި ތިބީ ރައީސް ވަހީދުގެ ރިޔާސީ އިންތިހާބަކަށް ފައިދާ ހުރި ކަންތައްތަކެއްކޮށްދޭ ކަށެއް ނޫން. އަޅުގަނޑުމެން ސަރުކާރުގައި މިތިބީ ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ދޭތޯ ބެލުމަށްޓަކައި،" ޔާމިން ވިދާޅުވި އެވެ.
ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު އެމަނިކުފާނަށް ތާއިދު ކުރައްވާ ޑީއާރްޕީ އާއި ގައުމީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާއި ގައުމީ އިއްތިހާދު ޕާޓީގެ ކޯލިޝަނަށް އިޝާރާތް ކުރައްވައި ޔާމިން ވިދާޅުވީ އެ ކޯލިޝަނަކީ ބޮޑު ކޯލިޝަނެއް ކަމަކަށް ނުދެކޭ ކަމަށެވެ. އެ ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައިވާ މިންވަރު ބަލާލުމުން އެކަން ފެންނާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ވަރުގެ "ހަކަތަ ހުރި ޕާޓީތަކަކަށް އެ ޕާޓީތައް ނުވާތީ" ފުޅާ ކޯލިޝަނެއްގެ ވާހަކަ ދައްކަމުންދަނީ ކަމަށް ޔާމިން ވިދާޅުވި އެވެ.
އަދާލަތުން ޕީޕީއެމްއާ ކޯލިޝަން ހެދުމަށްޓަކައި އެ ޕާޓީން ހުށަހެޅި ކަންތައްތައް ވެސް ޔާމިން ރޭ ވަނީ ހާމަކުރައްވާފަ އެވެ. ޔާމިން ވިދާޅުވި ގޮތުގައި އަދާލަތުން ހުށަހަޅާ ރަނިންމޭޓެއް ގޮވައިގެން އިންތިހާބު ކާމިޔާބުވެއްޖެނަމަ ސަރުކާރުން ކިހާވަރެއްގެ ހިއްސާއެއް ލިބިދާނެތޯ އަދާލަތުން ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އަދާލަތުގެ ރަނިންމޭޓު ޕީޕީއެމަށް ގަބޫލު ނުކުރެވޭނަމަ އެ ޕާޓީން ޕީޕީއެމްއާ ކޯލިޝަން ހަދައިފިނަމަ ސަރުކާރުން ކިހާވަރެއްގެ ހިއްސާއެއް ލިބޭނެތޯ އަދާލަތުން ހުށަހެޅި ކަަމަށް ވެސް ޔާމިން ވިދާޅުވި އެވެ. ނަމަވެސް އެ ހުށަހެޅުންތައް ލިޔުމުން ހުށަހަޅަން ފުރުސަތު ދިނުމުން އަދާލަތުން އެއަށް އަމަލު ނުކުރާ ކަމަށް ޔާމިން ވިދާޅުވި އެވެ.
"އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ތިމަންނަމެންގެ ތެރެއިން ތިމަންނަމެން ދައްކާ ރަނިންމޭޓަކު ޔާމިން އިހްތިޔާރު ކުރާ ކަމަށްވަންޏާ ސަރުކާރުން ތިމަންނަމެންނަށް ލިބޭނީ ކިހާވަރެއްގެ ހިއްސާއެއްހޭ. ތިމަންނަމެގެން ރަނިންމޭޓު ޕީޕީއެމްއަށް ގަބޫލު ނުކުރެވޭ ކަމަށްވަންޏާ ސަރުކާރުން ކިހާވަރެއްގެ ހިއްސާއެއް ލިބިދާނެހެއްޔޭ. މި ދެ ހުށަހެޅުން ޔާމީނަށް ހުށަހަޅާނަމޭ ކިޔާފަ ވަޑައިގަތީ. މި ދެ ހުށަހެޅުމުންކުރެ ހުށަހެޅުމެއް އަޅުގަނޑުމެންނަކަށް ނުލިބޭ،" ޔާމިން ވިދާޅުވި އެވެ.
ޕީޕީއެމްއާ ކޯލިޝަން ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި އެއްބުރުން ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ޔާމިން ތަކުރާރު ކުރެއްވެވި އެވެ.
ޕީޕީއެމުން ނެރޭ މެނިފެސްޓޯއެއްގައި ޒުވާނުންނަށް ހާއްސަ ސިޔާސަތުތަކާއި ތައުލީމީ ސިއްހީ ދާއިރާގެ ގުޅުން ހުރި ބޮޑެތި ކަންތައްތަކެއް މެނިފެންސްޓޯއަށް ގެންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން މާ އަވަސް އަރުވާލައިގެން "ޗާޕުކޮށްގެން މެނިފެސްޓޯ ނައިގެން އުޅެންޖެހޭ ސަބަބެއް ނެތް" ކަމަށެވެ. ޕީޕީއެމްގެ މެނިފެސްޓޯގައި ނުފުއްދޭ ވައުދުތަކެއް ނުހުންނާނެ ކަމަށާއި ހާސިލް ކުރެވޭ ސިޔާސަތުގެ މައްޗަށް މެނިފެސްޓޯ އެކުލަވާލައްވާނެ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.