21 May 2013, 09:05
މާލެތެރެ ދުވަސް ކޮޅަކަށް ނަމަވެސް މާރާމާރީގެ ބިރުވެރި ކަމެއް ނެތި އޮތުމަށްފަހު އަނެއްކާ ވެސް މިވަނީ ކުރީގެ ނަމާން ވެއްޓަށް ބަދަލުވެފަ އެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފަސް ވަނަ މަހާ ހަމައަށް އައިއިރު ވެސް "ބޮޑެތި" މާރާމާރީއެއް މާލެތެރޭ ހިނގާފައެއް ނުވެ އެވެ. ނަމަވެސް ތޮއްޖެހިފައިވާ މާލެ މި ވަނީ މާރާމާރީގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ. ވޭތުވެދިޔަ ދެ ތިން ދުވަހުގެ ސިލްސިލާ މާރާމާރީ ތަކުގައި ފަސްމީހަކު ޒަޚަމްކޮށްލާފައިވާއިރު، ދެ މީހެއްގެ ހާލު ވަރަށް ނާޒުކު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ވޭތުވެދިޔަ ދެތިން ދުވަހު މާލޭގައި ފުރަތަމަ މީހަކަށް ހަމަލާދިނުމުގެ ކުރިން ގޭންގު ގުރޫޕްތަކުގެ ތެރޭ މައްސަލަޖެހި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"މިހާދިސާތަކަކީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެދުދައި އުފެދިގެން އުޅޭ ހަމަނުޖެހުމެއް ކަމަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބުރަވެވެނީ. އަނިޔާވި ފުރަތަމަ މީހާއަށް އަނިޔާވުމުގެ ކުރިން މާލޭގެ ސޯޝަލްސެންޓަރު ސަރަހައްދުގައި ގޭންތަކުގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ،" ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.
ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް ގޭންގްތަކުގެ ތެރޭ އޮންނަ "ގުޅުން ގަނޑުތެރޭ" މައްސަލަ ޖެހި ފަސްމީހަކަށް ހަމަލަދީ ޒަޚަމްކޮށްލާފައި ވަނީ ރޯމާދުވާލު އެތަށް ބައެއްގެ ކުރިމަތީގަ އެވެ. އަދި ގޭންގުތަކުގެ އެ އަމަލުން މާލެތެރެ ނަމާން ވެގެންދިޔައިރު އެކަމުގައި ހަރަކާތްތެރިވާ މީހުންނަކީ އެތަށް ކުށަކަށް އަރައިގަނެ އެތަށް ބަޔަކު މެރިކަމުގެ ތުހުމަތުކޮށްފައިވާ ފަރާތްތަކެވެ.
އެގޮތުން އެންމެ ފުރަތަމަ ހިނގި މާރާމާރީ ގައި ޒަޚަމްކޮށްލި މުހައްމަދު ޝައިފަން އަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހ. ލޮބީ މުހައްމަދު ކިނާނަތު އަހުމަދު 28، އަކީ މާރާމާރީ އާއި ފޭރުމުގައި އިސްކޮށްއުޅޭ ކަމަށް ފުލުހުން ބުނެފައިވާ "ހައި ޕްރަފައިލް" މީހުންގެ ތެރޭ ހިމެނޭ މީހެކެވެ. ދެވަނަ ފުރުސަތުގެ ދަށުން 19 އޮކްޓޯބަރު 2011 ގައި ކިނާނަތު ދޫކޮށްލި އިރު ފުލުހުން ވަނީ 15 ފަހަރެއްގެ މަތިން ކިނާނަތު ހައްޔަރު ކޮށް އަދި އޭނާގެ ހަތަރު މައްސަލަ އެއްވެސް ޕީޖީއަށް ފޮނުވާފައިވެ އެވެ. އަދި އޭނާ މިނިވަންކޮށް މަގުމައްޗަށް ދޫކޮށްލިއިރު ކްރިމިނަލް ކޯޓުން ކިނާނަތުގެ މައްޗަށް ޖަލު ހުކުމެއް ވެސް ކޮށްފައި އޮތެވެ.
ޝައިފަންއަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މަސްއޮޑި ގުރޫޕަށް ނިސްބަތްވާ މ. ކޮޅުފުށީ ޒަހީރާ މަންޒިލް އަހުމަދު ޝިރުހާން 21، އަކީ ހައި ޕްރޮފައިލް މީހުންގެ ތެރޭ ހިމެނޭ މީހެއް ކަމަށް ބުނެ 2011 ވަނަ އަހަރު ފޮޓޯ އާއި މައުލޫމާތު ފުލުހުން އާންމު ކުރި މީހެކެވެ. އޭރު ތަފާތު އެކިއެކި މައްސަލަތަކުގައި 22 ފަހަރެއްގެ މަތިން ޝިރުހާން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭރު ޝިރުހާންގެ ތިން މައްސަލައެއް ޕީޖީއަށް ވެސް ފޮނުވާފައި އޮތެވެ.
ގޭންގުތަކުގައި މެދުގައި ޖެހުނު މައްސަލައެއްގައި ހިންގަން ފެށި މާރާމާރީގައި ފުލުހުން އިތުރު ބަޔަކު ހޯދާއިރު މިހާރު ހައްޔަރުކޮށްފައި ތިބި އަދި މާރާމާރީގައި ޒަޚަމްވި ފަސް މީހުންނަކީ ވެސް ތަފާތު އެކި ކުށުގެ ރިކޯޑް އޮންނަ ބައެއް ކަމަށް ފުލުހުން ބުނާއިރު ނުރައްކާތެރި އެފަދަ ކުށްތައް ތަކުރާރުކޮށް ކުރާ އެފަދަ ކުށްވެރިން ދޫވެފައި ތިބޭ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. މާލެ ތެރޭ ކޮންމެ ފަހަރަކު ވެސް ހަލަބޮލިވެ މާރާމާރީ އިތުރުވެ މީހެއްގެ ފުރާނަދާ ހިސާބުން ކުށްވެރިން ހިފާ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރާތަން އަބަދުވެސް ފެނެ އެވެ. ނަމަވެސް ހެކި ނެތިގެން ނުވަތަ ކޮންމެ ވެސް ފުރުސަތެއްގެ ދަށުން އެފަދަ ކުށްވެރިން ދެން ފެންނަނީ މުޖުތަމައިންނެެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް އަމަލު ކުރާ އުސޫލުގެ ދަށުން މުޖުތަމައަށް ނުރައްކާތެރި ފަރާތްތައް މި ގައުމުގައި ވެސް އެކަހެރި ކުރުމުގެ އުސޫލު މިއަދު މި ވަނީ ގެންގުޅެޖެހިފަ އެވެ. މީގެ ދެ އަހަރު ކުރިން ވަނީ އޭރު މާލެތެރޭ ކުށްކުރުން އިތުރުވުމާއި ގުޅިގެން ނުރައްކާތެރި ގައިދީން ވަކިން ގެންގުޅުމާބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެކަމުގެ މާބޮޑު މަސައްކަތެއް ކޮށްފައިވާ ކަމެއް ފެންނާކަށްނެތެވެ.
ރާވައިގެން ހިންގާ ރާވައިގެން ހިންގާ ބޮޑެތި ލާއިންސާނީ ކުށްތައް ހުއްޓުވޭނެ ގޮތަކަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފަ އެވެ. އެފަދަ ގޮތަކަށް ފުލުހުންގެ މަސައްކަތް ކުރަން ވިސްނާއިރު، ކޯޓުތަކުންނާއި ގާނޫނުތަކުން ވެސް ނުރައްކާތެރި ކުށްވެރިން މުޖުތަމައަށް ދޫވާން ހުރި ލޫޕްހޯލްތައް މިއަދު މިވަނީ ބަންދުކުރަން ޖެހެއެވެ.