20 May 2013, 23:16
އަށާރަ އަހަރުންދަށުގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް އުމުރުން 14 އަހަރުގެ އަންހެންކުއްޖަކާ މެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
ކުޑަކުދިން ތަކަކަށް ޖިންސީގޯނާކޮށް އިތުރު ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވަނީ ގއ.ވިލިނގިލީ، މުރީދުގެ އަހުމަދު ނަޒީރު 33، އަދި ޏ.ފުވައްމުލަކު، ހޯދަޑު، މަރިޔާޒުގެ ސަޢީދާ ހަސަން 38، ގެ މައްޗަށެވެ.
އެމައްސަލައިގާ އަހުމަދު ނަޒީރުގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ފުވައްމުލަކުގައި ދިރިއުޅެމުންދާ ކުޑަކުދިންތަކަކަށް އެކިދުވަސްތަކުގެ މަތިން ޖީންސީ ގޯނާކޮށް ޢުމުރުން 14 އަހަރުގެ އަންހެންކުއްޖަކާ މެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ. އަދި ސަޢީދާ ހަސަންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ އެޢަމަލުތައް ހިންގުމުގައި ބައިވެރިވެ އެޢަމަލު ހިންގުމަށް އަހުމަދު ނަޒީރަށް އެހީތެރިވެދިން މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ މައްސަލައާއެކު ޕީޖީ އަށް 14 ވަނަ ދުވަހު ފޮނުވާފައިވާ އަނެއް މައްސަލައަކީ އުމުރުން އަށް އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ.ކުޅުދުއްފުށި، ދެބުދާރުގެ އިބްރާހީމް އާދަމް 49، މައްޗަށެވެ.