20 May 2013, 21:31
މ. ޗަންޕާހެވަންގޭގެ ކުރިމަތީގައި ހުރި ޕާކިންޒޯންގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރުން ލަސްވަނީ އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ފައިސާތައް ވަގަށްނެގުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މ. ގުލްސަންޕާގޭ އަހްމަދު އަރީޝް އާއި ގދ. ރަތަފަންދޫ އައްސޭރިވިލާ އާފިރު މުހައްމަދާއި ހަމައެގޭ ވާފިރު މުހައްމަދުގެ މައްޗަށް ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި މި އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓު އަދިވެސް ލިބިފައި ނުވާކަމަށް ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެ ފައިސާތަށް ވަގަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:30 އެހައިކަންހާއިރު އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ސައިކަލްގެ މަޑިދަށުން ނަގާފައި ވަނީ ކޮން އެއްޗެއްކަމެއް ސާފުކޮށް އެނގެން ނެތް ކަމަށާއި ސައިކަލުގެ މަޑިދަށަކީ އަގު ބޮޑެތި މުދާ ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.
ސައިކަލްގެ މަޑިދަށުގައި 200460ރ. ހުރި ކަމަށް ދައުލަތުން ބުނާ ބުނުން ފިޔަވައި އެ ފައިސާ އޭގައި ހުރިކަން ސާބިތުކުރެވޭނެ އިތުރު ހެއްކެއް ގަރީނާއެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.