ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ދިރާގު ދިވެހި ލީގުގައި މިއަދު ބައްދަކު ކުރި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ހެދި ހެޓްރިކާއެކު ހަތަރެއް ސުމަކުން ވިކްޓަރީ ބަލިކޮށް 21 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮވެ ނިއު ލީގުގެ ފުރަތަމަބުރު ނިންމާލައިފިއެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރު މިއަދު ނިމުނުއިރު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ނިއު ވަނީ 9 ޕޮއިންޓުގެ ސާފު ލީޑެއް ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ތިންވަނައިގައި އޮތް ކުލަބު ވެލެންސިޔާ އަދި ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. މާޒިޔާއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އަދި ވެލެންސިޔާއަށް ކުރި ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ. މިއަދުގެ މެޗުން ބަލިވި ވިކްޓަރީއަށް ލިބިފައިވަނީ 7 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ކުލަބު އީގަލްސްއާއި ހަވަނަގައި އޮތް ވީބީ އައްޑޫ އެފްސީއަށް 8 ޕޮއިންޓު ލިބިފައިވާއިރު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ އޭވައިއެލްއެވެ.

މިއަދުގެ މެޗުގައި ނިއުގެ ފުރަތަމަ ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދިނީ މެޗުގެ 21 ވަނަ މިނިޓުގައި ޢަލީ ޢުމަރެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 24 ވަނަ މިނިޓާއި 38 ވަނަ މިނިޓުގައި ދަގަނޑޭ ވަނީ ދެލަނޑު ކާމިޔާބުކޮށް ނިއުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ދަގަނޑޭ ހެޓްރިކް ހެދި ލަނޑު ކާމިޔާބު ކުރީ ފަހުހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ވިކްޓަރީގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއް ވިކްޓަރީގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗަށްފަހު ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފު ބުނީ، ވަރުގަދަ މެޗަކަށްފަހު ނިއުގެ ކުޅުންތެރިން ތިބީ ވަރުބަލި ވެފައި ކަމަށާއި އަދި މިއަދުގެ މެޗަކީ އެހާ ސީރިއަސް މެޗެއްގެ ގޮތުގައި ކުޅުންތެރިން ނުދެކޭ ކަމަށެވެ.

"ގިނަ މެޗުތަކެއް ކުޅުމުގެ ސަބަބުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި. އަދި ހަމަ އެހެންމެ މިއަދުގެ މެޗަކީ އެހާ ސީރިއަސް މެޗެއްނޫން. ކުޅުންތެރިން މާބޮޑު ފަރުވާތެރިކަމެއް ނުދޭ މިއަދުގެ މެޗުގައި. ކުރިން ކުޅުނު ޓީމުތަކަކީ ވަރަށް ވަރުގަދަ ޓީމުތަކެއް. މިއަދު މި ޖެހުނީ އެފެންވަރުގެ ޓީމަކާނޫން. އެހެން ކަމުން މިއަދު މީ ޕްރެކްޓިސް މެޗެއްފަދަ މެޗެއް،" ޕޮޕޯފު ބުންޏެވެ. "އަހަރެމެން މިސީޒަންގައި މިހާތަނަށް 15 ވަރަކަށް މެޗު ކުޅެފިން. އެހެން ޓީމުތައް ކުޅުނީ ހަ މެޗު. މެޗު ޝެޑިއުލް އޮތްގޮތުން އަހަރެމެން އެބަކުޅެން ކޮންމެ ހަތަރު ދުވަހަކުން މެޗެއް. އެހެންޓީމުތައް މެޗެއް ކުޅެން ޖެހެނީ ކޮންމެ 20 ދުވަހަކުން. އެހެން ކަމުން އެ ތަފާތު ފެންނާނެ،"

ޕޮޕޯފު ވަނީ ރެފްރީންނަށްވެސް މިއަދުގެ މެޗުގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އޭނާ ބުނީ އޭއެފްސީ ކަޕުގައި ހަތް މެޗު ކުޅުނު އިރު ރެފްރީންގެ މަސައްލައެއް ނުފެންނަ ކަމަށާއި ދިވެހި ލީގުގައި ހަތް މެޗު ކުޅުނު އިރު އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގައިވެސް ރެފްރީންގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށެވެ.

މެޗާ ބެހޭގޮތުން ވިކްޓަރީގެ ކޯޗު ވަލްޑަމީރު ގޮފާ ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި ނިއުރޭޑީއެންޓުން އަންނަނީ މުޅި ސީޒަންގައިވެސް ވަރުގަދަ ސްކޮޑެއް ގޮވައިގެން ހައިރާން ކުރުވަނިވި މޮޅު ކުޅުމެއް ދައްކުވަމުން ކަމަށެވެ. ވިކްޓަރީން މި ސީޒަންގައި މިހާތަނަށް ކުޅުނު މެޗު ތަކަށް ބަލާއިރު ތަޖުރިބާ މަދު ޒުވާން ކުޅުންތެރިން ތަކަކާއެކު އެއްންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއްގައިވެސް ވިކްޓަރީން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށްވެސް ގޮފާ ބުންޏެވެ.

ދިވެހި ލީގުގެ ދެވަނަ ބުރުގެ ކުޅުން ފެށޭނީ އަންން ހުކުރު ދުވަހު ހަވީރުއެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.