މ. ފެއަރީކޯނާ އަލީ ޝިފާން މާރާލިކަމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނޭ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 3912 މުހައްމަދު ޝައިފަން އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި، ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

މި މަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހު މާލޭގައި ސިލްސިލާކޮށް ހިންގި މާރާމާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ޝައިފަންއަށް ހަމަލަދީފައިވަނީ މަޖީދީމަގު މާޒިޔާ ޓްރޭޑް ކައިރިން ބަޔަކު ސައިކަލުގައި ގޮސް ކަމަށެވެ.

ރިޔާޒު ވިދާޅުވިގޮތުގައި ޝައިފަން އަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭހައި ޑރ. އަފްރާޝީމް އަލީ މަރާލިކަމަށް ތުހުމަތު ކުރެވޭ ހުސައިން ހުމާމް އަހްމަދުގެ ބޭބެ ހ.ލޮބީ މުހައްމަދު ކިނާނަތު އަހުމަދު 28، ހިމެނެއެވެ. އޭނާ އަކީ ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލާފައިވާ މީހެކެވެ.

އޭނާގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ.ކޮޅުފުށީ ޒަހީރާމަންޒިލް އަހުމަދު ޝިރުހާން ޝަމީމް 21، އާއި މާލޭ ދަފްތަރު އައްސަދު އިބްރާހިމް ރަޝީދު 18، ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެ ތިން މީހުންގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން ބަޔަކު ވެސް އެބަތިބި ކަމަށާއި އެ މީހުން ދެނެގަތުމަށްފަހު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޝައިފަންގެ ބުރަކަށީގެ ދެ ތަނަކަށް ތޫނުއެއްޗަކުން ހަމަލާދިނުމުން ފުން ޒަޚަމްތަކެއް ލިބިފައިވާއިރު އޭނާގެ މައިބަދައާ ދިމާލުން ވެސް ޒަޚަމްތަކެއް ލިބިފައި ހުރި ކަމަށެވެ.

ޝައިފަން އަށް ހަމަލަދިން ދުވަހު ޒަޚަމްކޮށްލާފައިވާ އަނެއް މީހަކީ ސ.ހިތަދޫ އުއްދަނޑިގޭ ހުސައިން ޒިޔާދު 19، އެވެ. އޭނާއަށް ހަމަލަދީފައިވަނީ މައްޗަށްގޯޅި ސަހަރާ ކައިރިންނެވެ.

ހުސެއިން ޒިޔާދުގެ ބުރަކައްޓާއި ކޮނޑުގެ ދެ ތަނެއް ޒަޚަމްވެފައިވާއިރު، ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުސެއިން ޒިޔާދަށް ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ދެނެގަތުމަށްފަހު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޭގެފަހުން ޖެހިގެން އައި 18 ވަނަ ދުވަހުގެ ހަވީރު 3:31 އެހައިކަންހާއިރު ހަވީރީހިނގުމުގައި ހިނގާދިޔަ މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބް ސައިދު 18، އާއި މ. އިރާސްމިކް މުހައްމަދު އަޒުހާން އިސްމާއިލް 21، އަށެވެ.

އޭނާ ވިދާޅުވީ އެ ދެ މީހުންނަށް ހަމަލަދީފައިވަނީ ގުރޫޕް ހަދާފައި ސައިކަލު ތަކެއްގައި ދިޔަ ބައެއް ކަމަށް ކަމަށާއި އެމާރާމާރީގައި ނަސީބް ސައީދުގެ ގައިގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އޭނާގެ މޭމައްޗާއި ބުރަކަށީގެ ހަތަރުތަނަކަށް ތޫނުއެއްޗަކުން ހަމަލަދީފައިވާއިރު އަތުގެ ބައެއް ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެ ދެ މީހުންގެ ތެރެއިން އަޒުހާންގެ ބުރަކަށީގެ ދެ ތަނެއް ފުންކޮށް ޒަޚަމްވެފައިވާ ކަމަށާއި އެ ދެ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެ ދެ މީހުންނަށް ހަމަލާދިން މީހުން ހޯދުމަށް ސީސީޓީވީ ފްޓޭޖްގެ އެހީގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ހިތަށްފިނިވާމަގު ހޯމްއެކްސް ކިޔާ ފިހާރައެއްގެ ތެރޭގައި ހުއްޓާ ރޭ ޒަޚަމްކޮށްލާފައިވަނީ މ. ދިމިޝްގް އުސްމާން ޝަރީފް 19، އެވެ. އޭނާގެ ކަރަށާއި އަތަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާއަށް ހަމަލާދިން މީހުން ހޯދުމަށް ސީސީޓީވީ ފްޓޭޖްގެ އެހީގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ މީހުންގެ ތެރެއިން ޝައިފަން އަށް ހަމަލަދިނުމުގެ ކުރިން ސޯޝަލްސެންޓަރު ކައިރީ މާލޭގައި ހަރަކާތްތެރިވާ ގޭންގް ގުރޫޕް ތަކުގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮސް ވެސް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މާރާމާރީގައި އަނިޔާ ލިބުނު މީހުންނާއި އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ ވެސް މީގެ ކުރިން ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

http://www.youtube.com/watch?&v=kXGzrwfTOe4