20 May 2013, 17:54
މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު އިސްވެހުންނަވައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އުޝާމާ މޫސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް ދައުވާކޮށް ދިޔާނާ އިސްވެހުންނަވައި ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ދައުލަތުން ދިރާސާ ކުރި އިރު އެ މައްސަލަ އަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަނޑައަޅައި ދިނުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އުޝާމާ ވިދާޅުވި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދިޔާނާ އާއި ގ. ރަންހިރި އިސްހާރު ތައުފީގު އާއި ގއ. ކޮލަމާފުށީ އޯޝަންރީޑް އާމިނަތު ނާޒުލީ އެވެ.
މައްސަލަ ޝަރީއަތަށް ހުށަހަޅުއްވަމުން ނާޒްލީ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކޮށްލުމަށް ގާނޫނީ އިމުގެ ބޭރުން ގާނޫނުތަކާއި ގަވާއިދުތަކުގައި ބުނެފައިވާ އަސާސްތަކާ ޚިލާފަށް އާންމު ބަޔަކާ ގުޅިގެން ސިފައިންނާއި ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާންމު ބަޔަކާ ގުޅިގެން ސިފައިންނާއި ފުލުހުން ބޭއަދަބީ ބަހުން މުޚާތަބުކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވައިހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ބޭފުޅަކު ހުންނަވަނިކޮށް ފުލުހުންގެ ބަޔަކު އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކަނޑައަޅައި ފުލުހުންގެ އިސްވެރިންގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވެސް ނާޒުލީ ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ޔައުމިއްޔާ އާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް އާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ފަސީހު އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ޕޮލިސް އިންޓެލިޖެންސްގެ ކުރީގެ ހެޑް މުހައްމަދު ހަމީދާއި ބްރިގޭޑިއާޖެނެރަލް އަހްމަދު ނިލާމް އާއި ކުރީގެ ބްރިގޭޑިއާޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ބަޔާނެއް ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
އެ ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލާ އުޝާމާ ވިދާޅުވީ ދައުލަތުން ދައުވާއަށް ޖަވާބުދާރީވާނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ. ނަމަވެސް ގާޒީ ހާތިފް ހިލްމީ ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންދިޔުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނުނެރޭހާ ހިނދަކު އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ދައުވާ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.