ޕީޕީއެމްގެ ވެރިކަމެއްގައި ދުނިޔޭގެ ފެންވަރުގައި ނަން ވިދާ ޕޮލިޓެކްނިކެއް ރާއްޖޭގައި ގާއިމް ކުރާނެ ކަމަށާއި، އެ މަސައްކަތް ކުރާނީ ރާއްޖެ އާ އަދި ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ ޔުނިވަރސިޓީ ތަކާއި ގުޅިގެން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޖަމީލް ވިދާޅުވީ އެފަދަ ތަނެއް ރާއްޖޭގައި ގާއިމް ކުރެވިއްޖެ ނަމަ މިހާރު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ކަންކަން ހުރިގޮތަށް ބަލާއިރު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު އާމްދަނީއެއް ލިބޭނެ ފަދަ ފުރުސަތު ތަކެއް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ދުނިޔޭގެ ފެންވަރުގެ ޕޮލިޓެކްނިކެއް [ފަންނީ ތައުލީމާއި ތަމްރީނު ދޭ ތަނެއް ނުވަތަ މަރުކަޒެއް] ރާއްޖޭގައި ގާއިމް ކުރާނަން. އެ މަސައްކަތް އަޅުގަނޑުމެން ކުރާނީ ބޭރުގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީ ތަކާއި ގުޅިގެން ހިންގާ މަސައްކަތެއްގެ ގޮތުގައި. އޭގެ ވެސް މުހިއްމު ބޭނުންތަކެއް އެބައޮތް. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު ރާއްޖޭގެ ވަޒީފާގެ ބާޒާރު ހުރިގޮތަށް ބަލާއިރު ވަރަށް ބޮޑު ޖާގައެއް އެބައޮތް ކުރު މުއްދަތެއްގެ ތެރޭގައި ކޯސް ތަކެއް ހަދައިގެން ވަރަށް ރަނގަޅު މުސާރަ ލިބޭނެ. މިސާލަކަށް މެނޭޖީރިއަލް އިކޮނޮމިކްސް، ބޭންކިން، އެކައުންޓިން، އޮޑިޓިން، އަދި ޓޫރިޒަމް، ހަމަ އެއާއި އެކީގައި އޯފްޝޯ ފައިނޭންސިން ފަދަ ދާއިރާތައް،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ އިތުރުން ވެސް ވަސީލަތްތައް ހަމަހަމަ ސްކޫލްތަކެއް ރާއްޖޭގައި އުފައްދާނެ ކަމަށާއި، އޭގެ ބޭނުމަކީ އެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި ސްކޫލް ތަކަކީ ހަމަހަމަ ގޮތެއްގައި ހުރިހާ ވަސީލަތެއް ގާއިމް ކޮށްފައިވާ ސްކޫލް ތަކަކަށް ހެދުން ކަމަށެވެ. އަދި ވިދާޅުވީ އޭގެ އެންމެ ބޮޑު ބޭނުމަކީ ކްލާސް ތަކުގައި އެއްވަރަކަށް ދަރިވަރުން ހިފެހެއްޓުން ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ސްކޫލްތަކަށް ދާ ކުދިންގެ ތެރެއިން އެހީތެރި ކަމަށް ބޭނުންވާ ކުދިންނަށް ސްކޫލް ފެންވަރުގައި ސޯޝަލް ސެކިއުރިޓީގެ ނިޒާމެއް ގާއިމް ކުރުމަކީ އެ ޕާޓީން ވާ ވައުދެއް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރީ ސްކޫލެއް މިހާރު ހުރި ސްކޫލް ތަކަށްވުރެ ރަނގަޅު ފެންވަރުގައި ގާއިމް ކުރާނެ ކަމަށެވެ.

"ޕީޕީއެމްގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ ސްކޫލް ތަކަށް ދާ ކުދިންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ސްކޫލް ފެންވަރުގައި ސޯޝަލް ސެކިއުރިޓީގެ ނިޒާމެއް ގާއިމް ވެގެން ދާނެ. ހަމަ އެއާއި އެކީގައި އަޅުގަނޑުމެންގެ ވައުދަކީ ކޮންމެ ރަށެއްގައި ވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރީ ސްކޫލް ނިޒާމް މިހާރު މި އޮތް ފެންވަރަށްވުރެ ރަނގަޅަށް ގާއިމް ކުރާނަން،" ޖަމީލް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލްގެ އިތުރުން ރައީސް މައުމޫންގެ ކޮށްކޯފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.