ރާއްޖާގައި ޒުވާނުގެ ތެރެއިން 27 ޕަސެންޓް ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ހެލްތު މިނިސްޓްރީން ކުރި ސާވޭއަކުން ދައްކައިފި އެވެ.


ހެލްތު މިނިސްޓްރީން ބުނީ މިދިޔަ އަހަރު ކުރި ސާވޭއިން ދައްކާ ގޮތުން އުމުރުން 14 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 27 ޕަސެންޓް ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުންނެވެ. އެ އުމުރުފުރައިގެ ނުވަ ޕަސެންޓް ޒުވާން އަންހެން ކުދިންނަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ ކުދިން ކަމަށެވެ.


އެއްވެސް ކައިވެންޏެއް ކޮށްފައިނުވާ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 2240 ޒުވާނުންނާ ސުވާލުކޮށްގެން ކޮށްފައިވާ އެ ދިރާސާއިން ދައްކާ ގޮތުން 27 ޕަސެންޓް ޒުވާނުންނަކީ އެއްވެސް ކަމެއް ނެތި ފައި ތިބޭ ޒުވާނުންނެވެ.  


މިދިޔަ އަހަރު މުޅި ރާއްޖޭގައި ކުރި ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭގެ ނާތީޖާއިން ދައްކާ ގޮތުން އާންމުކޮށް ހަ މަސް ވަންދެން ގާތުން ކިރު ދިނުމުގެ ބަދަލުގައި އެވްރެޖްކޮށް ގާތުން ކިރު ދީފައިވަނީ ދެމަސް ވަންދެނެވެ.


" އަޅުގަނޑުމެން ގާތުން ކިރުދިނުމުގެ ވާހަކަ ދައްކަން. ހަ މަސް ވަންދެން ގާތުން ކިރު ދިނުމުގެ ވާހަކަ ދައްކަން. އެކަމަކު މިއީ އަޅުގަނޑު ކަންބޮޑުވާން ޖެހޭ މިންވަރެއް ދެ މަހެއްހާ ދުވަސް ވަންދެ ގާތުން ކިރުމިދެނީ ރާއްޖޭގައި ވިހާކުދިންނަށް" ޑރ.ޖަމްޝީދު ވިދާޅުވި.


ހެލްތު މިނިސްޓްރީގެ މިދިޔަ އަހަރުގެ ސާވޭގެ ނަތީޖާ ތަކުން ދައްކާ ގޮތުން ފަސް އަހަރުން ދަށުގެ ކުދިންގެ މެދުގައި ކާނާ ދަށްވުމުގެ ސަބަބުން އުމުރާ އެއްވަރުގެ އިސްކޮޅު ނުލިބޭ 19 ޕަސެންޓް ކުދިން އަބަ ތިއްބެވެ. އަދި ހަމަ އެފަދައިން އެ އެމުރު ފުރާގެ 17 ޕަސެންޓް ކުދިންނަކީ އެކުދިންގެ އުމުރުބަލާފައި މާބޮޑަށް އަނަރޫފަ ކުދިންނެވެ. 


ދިވެހިންގެ ސިއްހީ ހާލަތު ދެނެގަތުމަށް ފުރަތަމަ ފަހަރަށްކުރި މި ދިރާސާގެ ނާތީޖާ ތައް ދައްކާގޮތުން ދިވެހިންގެ ސިއްހީ ހާލަތު ރަނގަޅު ވަމުންދާ ކަން ވެސް ފާހަގަ ކުރެވެއެވެ. އެ ގޮތުން ކުޑަކުދިން މަރުވާ ރޭޓާއި ވިހޭއިރު ދިރިހުރި ކުދިންގެ ރޭޓު ވަނީ އިތުރުވެފަ އެވެ. އަދި 93 ޕަސެންޓް ކުދިންނަކީ އެކުދިންނަށް ލިބެންޖެހޭ ވެކްސިން ލިބިފައި ތިބި ކުދިންނެވެ. މީގެ އިތުރުން ހުރިހާ މާބަނޑު އަންހެނުނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތެރި އެއްގެ ފަރާތުން ފަރުވާ ވަނީ ލިބިފައެވެ.


ޔޫއެންއެފްޕީއޭ އާއި ޔުނިސެފާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަނާއި ގުޅިގެން 12 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކޮށްފައިވާ މި ސާވޭ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.