20 May 2013, 16:41
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމިއަން (ޕީއެސްޖީ)ގެ ކޯޗު ކާލޯ އެންޗެލޮޓީ އެ ކުލަބުގެ ކޯޗު ކަމުން ވަކިވާން އެދި ކުލަބަށް ހުށަހަޅައިފި އެވެ.
ރެއާލް މެޑްރިޑުން އެކުލަބުގެ ކޯޗަކަށް ކާލޯ އެނެޗެލޮޓީ ހޯދުމަށް ހުސްވި ހަފުތާގައި ވެސް ވަނީ އެދި އެކަމަކު އެކަން ކާމިޔާބު ނުވެފަ އެވެ.
"އަހަރެން ކުލަބުގައި އެދިފައި އޮންނާނީ ކޯޗުކަމުން ވަކިވާން. އަދި މަޑުކޮށްގެން މިހުންނަނީ އެމީހުންގެ ޖަވާބަކަށް،" 53 އަހަރުގެ އެންޗެލޮޓީ ބުންޏެވެ.
ޕީއެސްޖީގެ ޕްރެޒިޑެންޓް ގަތަރުގެ ނާސިރު އަލް ޚެލައިފީ ވިދާޅުވީ އެންޗެލޮޓީ ބޭނުންވަނީ ރެއާލް މެޑްރިޑަށް ދާން ކަމަށެވެ. އެހެން ނަމަވެސް ކުލަބާއެކު އޭނާ ހަދާފައިވާ އިތުރު އެއް އަހަރު ދުވަހުގެ އެގްރީމެންޓެއް އެބަ އޮތް ކަމަށާއި އެހެން ކަމުން އެގޮތަށް ދޫކޮށް ނުލެވޭނޭ ކަމަށެވެ.
ޕީއެސްޖީގެ ރައީސް ގަތަރުގެ ނާސިރު އަލް ޚެލައިފީ ގަތަރުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޗުކަމުން ކޮންޓްރެކްޓެއް ހަދަނީ ބޭނުމެއްގައި ކަމަށާއި އެހެން ކަމުން ދެފަރާތުން ވެސް އެއަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށެވެ.
"އެއީ އޭނާގެ މައްސަލައެއް. އަހަރެމެންގެ މައްސަލައެއް ނޫން. އަހަރެމެން އޮންނާނީ މިހާރު ވެސް އިތުރު އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި އެންޗެލޮޓީއާ އެކު ސޮއި ކޮށްފައި. އެހެން ކަމުން ދެފަރާތުންވެސް އެއްބަސްވުމަށް އިހްތިރާމް ކުރަން ޖެހޭނެ،" ޕީއެސްޖީގެ ޕްރެޒިޑެންޓް ވިދާޅުވި އެވެ.
ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އަންނަ ސީޒަންގައި އޭނާގެ ކުރީގެ ކުލަބު ޗެލްސީއަށް އެނބުރި އަންނަން އުޅޭ ވާހަކަ މި ދުވަސްވަރު މީޑިޔާގައި ވަނީ ވަރަށް ގަދައަށް އަޑު ފެތުރިފައެވެ.
"ފަހަރެއްގަ ރެއާލްއާ ވެސް ގުޅީދާނަން. އެއީވެސް އެއްކުލަބު. އެކަމަކު އަހަރެންގެ ކޮންޓްރެކްޓެއް މިތަނުގައިވެސް އެބައޮތް. ކުރިއަށް އޮތް ދުވަސް ކޮޅުގެ ތެރޭގައި ކުލަބުން ވަކި ގޮތެއް ނިންމަންދެން. އަހަރެމެން ޖެހޭނީ މަޑުކުރަން،" އެންޗެލޮޓީ ބުންޏެވެ.
ފްރެންޗު ނިއުސް ޕޭޕަރަކަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ބުނެފައިވަނީ، ރެއާލްއަށް ދިއުމަށްޓަކައި ކުލަބުން ވަކިވުމަށް އެންޗެލޮޓީ އެދިފައިވާ ކަމަށާއި އެހެން ނަމަވެސް ކުލަބުން އެގޮތަށް ބޭނުން ނުވާތީ އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ޕީއެސްޖީގެ ކޯޗުކަމާ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަވާލުވި ކާލޯ އެންޗެލޮޓީވަނީ ޕީއެސްޖީއަށް މި ސީޒަންގެ ފްރެންޗް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ ވަނީ ޔުވެންޓާސް، އޭސީ މިލާން އަދި ޗެލްސީއާއެކު ވެސް ބޮޑެތި ކާމިޔާބު ތަކެއް ހޯދާފަ އެވެ.