ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް އެކިފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 80 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީއިން ބުނީ އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ގިނަވުމުން، މައްސަލަތައް ނިންމުމަށްޓަކައި ހަފުތާއަކު ތިން ދުވަހު ކޮމިޝަންގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މައްސަލަތަކުގެ 80 ޕަސެންޓް ނިމިފައި ވުމުން ޖޭއެސްސީގެ ބައްދަލުވުންތައް ބާއްވާ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުވަ ޕަސެންޓް މައްސަލަތައް އެ ކޮމިޝަންގެ ލީގަލް އޮފިސަރު ދިރާސާކުރަމުންދާ ކަމަށާއި ތަހުގީގު މަރުހަލާގައި 11 ޕަސެންޓް މައްސަލަތައް ހުރި ކަމަށެވެ.

ކޮމިޝަންގެ ބައްދަލުވުންތައް މަދުކޮށްފައި ވަނީ ހަފުތާއަކު އެއް ދުވަހު ކޮމިޝަންގެ ބައްދަލުވުން ބާއްވާ ގޮތަށެވެ.

ޖޭއެސްސީއިން ބުނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވުމުން ހުށަހެޅިފައި ހުރި މައްސަލަތަކެއް ނަމަވެސް، އެއީ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް ބެލޭނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކަމަށް އެކޮމިޝަނުން ފާހަގަކުރެ އެވެ.