20 May 2013, 15:18
ގދ. ވާދޫ ކައިރީ ރާޅާ އަޅަން އުޅުނު ޓޫރިސްޓެއްގެ ފަޔަށް މިޔަރެއް ކަމަށް ބެލެވޭ އެއްޗެއް ހަމަލަދީފި އެވެ.
ޓޫރިސްޓު މީހާގެ ފަޔަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ވަނީ ތިނަދޫ ރީޖަނަލަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ވާދޫ ކައިރީ ރާޅާ އަޅަން އުޅުނު ސްވިޒަލޭންޑްގެ އުމުރުން 30 އަހަރުގެ މީހާގެ ކަނާތު ފަޔަށް ހަމަލަދީފައި ވަނީ މިޔަރެއް ނުވަތަ ބޮޑު ފާނައެއް ކަމަށް ބެލެވޭ ކަމަށް ޓޫރިސްޓު މީހާއާ ހަވާލާދީ ތިނަދޫން ވާހަކަދެއްކި މީހަކު ބުންޏެވެ.
އިއްޔެ ހެނދުނު ހިނގި އެ ހާދިސާގައި ސްވިޒަލޭންޑްގެ އެ މީހާއަށް މާބޮޑު އަނިޔާ އެއް ނުލިބުނު ނަމަވެސް އޭނާގެ ކަނާތު ފައިގެ ތަނބިކަށްޓާއި ހިސާބު ދަތްވަޅެއް ފެންނަން ހުރި ކަމަށް ތިނަދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެ ހާދިސާ އަނިޔާވި ޓޫރިސްޓު މީހާއަކީ ވާދޫ ކައިރީ އޮތް ސަފާރީއަކަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް އުޅުނު މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.