20 May 2013, 15:10
މިދިޔަ އަހަރުގެ ފެބްރުއަރީ އަށެއްގައި ހދ. ކުޅުދުއްފުށީގައި ހިނގި ހަމަ ނުޖެހުންތަކާއި ގުޅިގެން ބައެއް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ޝަރީއަތްތައް މިހާރު ކުރިއަށްދާއިރު އެ ޝަރީއަތްތަކުގައި ދައްކާ ވާހަކަތައް ރިކޯޑު ކުރެވޭނެ އިންތިޒާމެއް ނެތުމުން ދަތިތަކާއި ކުރިމަތިވާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށެއްގައި ހިނގާދިޔަ ހަމަ ނުޖެހުންތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ހިނގަމުންދާ ގޮތާއި ބެހޭ ގޮތުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފަރީދު ވިދާޅުވީ ކުޅުދުއްފުށީ ކޯޓުގައި އިންތިޒާމް ހުރިގޮތުން ޝަރީއަތުގައި ދައްކާ ވާހަކަތަކުގެ ބަޔާން ލިޔުމުން ދެނީ ވަގުތުން އަޑު އަހައިގެން ކަމަށާއި އެ ވާހަކަތައް ފަހުން އަޑު އެހޭނެ ގޮތެއް ނެތް ކަމަށެވެ.
"ޝަރީއަތުގެ ނިޒާމް ހަމަ ޖެހިފައިވާ ގޮތުން ރެކޯޑް ކުރެވޭނެ ނިޒާމެއް ނެތް. އަޅުގަނޑު ހެއްކަކާއި ސުވާލުކުރިން ދުށިންހޭ މިވެނި މީހަކު މިވެނި ތަނެއްގައި ހުއްޓާ. ދެން އެބޭފުޅާ ވިދާޅުވީ އެހެން ސީދާ ބުނާކަށް ނޭނގެއޭ. ކުޑަކޮން އަޅަ އަޅައި ގެންފައި. ތަކުރާރުކޮށް ސުވާލު ކުރީމަ ވެސް. އެކަމު ރިކޯޑް ނުކުރެވޭތީ މި އެއްޗިއްސެއް ނުހުރޭ. ދެން ދައުލަތުގެ ވަކީލް ސުވާލުކުރިމަ އެބަބުނޭ ނޫނެކޭ އޭނާ ހުއްޓޭ. ދެން އެހެން ސުވާލެއް ކުރީމަ ބުނަނީ ދެން އެހެން ކަމަށް ވަންޏާއި ތިމަންނަ ޕޮލިހަށް ދިން ބަޔާނަކީ ރަނގަޅު ބަޔާނެކޭ،" މުހައްމަދު ފަރީދު ވިދާޅުވި އެވެ.
ފަރީދު ވިދާޅުވީ ޝަރީއަތުގެ ބަޔާން ފަނޑިޔާރުދެއްވަނީ އެ ވަގުތު އިވުނު ގޮތަށް ލިޔުއްވާފައި ކަމަށާއި އިންތިޒާމް ހުރިގޮތުން އިންސާފްވެރިކަމާއިއެކު ޝަރީއަތްގެންދިއުމަށް ހުރަސްތައް ހުރި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އެމަނިކުފާ [ފަނޑިޔާރު] އެއްގޮތަކަށް ވެސް ކުށްވެރި ކުރަނީއެއް ނޫން. އެމަނިކުފާނު ޝަރީއަތްކުރިއަށް ގެންދިޔަ ގޮތާއިމެދު ހިތްހަމަނުޖެހެނީ އެއް ނޫން. އެކަމު އެތަނުގެ އިންތިޒާމްތައް ހުރި ގޮތުން އިންސާފްވެރި ކަމާއިއެކު ޝަރީއަތްތައް ގެންދިއުމަށް މިކަން ކަން ހުރަކަށް އެބަވޭ،"
ކުޅުދުއްފުށީ ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގެ ތަފްސީލް ދެއްވަމުން އޭނާ ވަނީ ކޯޓުގެ ބައެއް އިންތިޒާމް ތަކާއިމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އިއްޔެ ޝަރީއަތުގައި އޮތީ ހެކި ބަސް ނެގުން ކަމަށާއި ކޯޓަށް ގެންދިޔަ މީހުން ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00 ހަމައަށް އެއްވެސް ހުސް ވަގުތެއް ނުދީ ތިބީ ކޯޓުގައި ކަމަށެވެ.
"ނުވަ އަކުން ތިނަކަށް އެ ބޭފުޅުން [ހެކިބަސް ދިނުމަށް ކޯޓަށް ދިޔަ މީހުން] އެތިބީ ކޯޓުގެ އިމާރާތުގެ ތެރޭގައި ބަންދުވެފައި. އެ ބޭފުޅުންނަށް ފެން ފިޔަވާ އިތުރު އެއްޗެއް ނުލިބޭގޮތަށް. ކާކަށް ވެސް ނުލިބޭ އެހެންތަކަށް ވެސް ނުދެވޭ. އެގޮތަށް އެކަން ދާން ފެށުމުން ދެން ޝަރީއަތްތަށް ނިމުން އަޅުގަނޑުމެން ފަނޑިޔާރުނަށް ދެންނެވިން މި ގޮތަށް ޝަރީއަތްތަށް ކުރިއަށް ގެންދަވާނަމަ އެހެން ބައެއްގެ ހައްގުތަކަށް އެބަ އިހާނެތިކޮށް ހިތެއޭ. އެއީ ހެކިބަސްދޭން އައިސްތިބީ ފުލުހުން ކަމުގައި ވީނަމަ ވެސް އާންމު ކަމުގައިވީ ނަމަވެސް އަދި ދައުވާލިބޭ ފަރާތްކތަކުން ވިއަސް،"
ފަރީދު ވިދާޅުވީ އިއްޔެ ނުވަ މީހެއްގެ ޝަރީއަތް ބާއްވަން އުޅުނު ނަމަވެސް ބޭއްވިފައި ވަނީ ތިން މީހެއްގެ ޝަރީއަތް ކަމަށާއި އިންތިޒާމްތަކާއި ގުޅޭ ގޮތުން ގާޒީއަށް ވެސް ދެންނެވި ކަމަށާއި ނަމަވެސް އެ މައްސަލަ ތަކަކީ ބަޖެޓް ނެތުމުންދިމާވާ މައްސަލަތަކެއް ކަމަށް ބުނަމުންދާ ކަމަށެވެ.
"އެ ބޭފުޅުންގެ [ކޯޓުގެ] ޖަވާބަކަށް ވަނީ ބަޖެޓްނެތީ އޭ. އެހެންވީމަ ބަޖެޓްގެ ނެތުމުގެ ސަބަބުން ނުވަ އަކުން ތިނަކަށް ރައްޔިތުންތަކެއް ކޯޓުގައި ތަށިވެފައި އެތިބީ ފެންފޮދެއް ނުލިބޭފަދަ ގޮތަކަށް. އިންޓަވަލް އަކަށް ވެސް ފޮނުވައެއްނުލާ،"
މި ބައްދަލުވުމުގައި އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންވާ އަބްދުﷲ ހަސީން ވިދާޅުވީ އެމްޑީޕީގެ މީހުންގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ޝަރީއަތަށް ފޮނުވާފައިވަނީ ވެސް ގާނޫނީ ހަމަތަކާއި ހިލާފަށް ކަމަށެވެ. އަދި ޝަރީއަތްތަކުގައި ހެކިބަސް ދެނީ އެމްޑީޕީ އާއި އިދިކޮޅު މީހުން ކަމަށާއި އެހެން ކަމުން ހެކިބަހާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ. ހަމަ އެހެންމެ އެމްޑީޕީގެ މީހުން ހައްޔަރުކުރުމުގެ ތެރޭގައި ކޮށްފައިވާ އަނިޔާތައް ނުބެލިވާ ކަމަށް ހަސީން ފާހަގަ ކުރެއްވެވި އެވެ.
"އައްޑުއަތޮޅުން އަނިޔާކުރި މީހުނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވޭ. އެހެން ނަމަވެސް ތަފާތު މުވައްސާތަކަށް ހުށަހެޅިފައިވާއިރުވެސް ބެލިފައެއްނުވޭ މި މީހުނަށް ކޮށްފައިވާ އަނިޔާތަކެއް. ބައެއް މީހުންނާއި ކައުންސިލަރުންނާއި ހައްޔަރުކުރެވިފައިވޭ ސާކްސަމިޓަށް ގެނެވުނު ކުއްތާކެއް ބައިތިއްބަން ގެނައި ކޮށިތަކެއްގައި. އެމީހުން ހައްޔަރުވުމުން އަޅުގަނޑުމެން ދިޔައިން އައްޑޫއަށް އެހެންވެ އެކަން ކަން އަޅުގަނޑުމެނަށް މިކަންކަން އެނގެނީ. އެހެންމެ މި ދަންނަވަނީ މިއީ ސިޔާސީ ދައުވާއެއް ކަމަށް،" ހަސީން ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިދިޔަ އަހަރު ފެބްރުއަރީ އަށެއްގައި ހިނގި ހަމަ ނުޖެހުންތަކާއި ގުޅިގެން އައްޑޫ ސިޓީން އެމްޑީޕީގެ 80 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ކުޅުއްދުއްފުށީ ކޯޓަށް 28 މީހެއްގެ މައްސަލަ އަދި ނ. ނިލަދޫ ކޯޓަށް ނުވަ މީހެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ ދައުވާތަކަކީ އިންސާފުން ބޭރުން ކުރާ ދައުވާތަކަށްވާތީ އެ ދައުވާތައް އަނބުރާ ގެނައުމަށްގޮވާލާ ކަމަށެވެ.