20 May 2013, 14:52
ޗައިނާއަށް ކުރާ ދަތުރުތައް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވިއްޖެ ނަމަ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް އިތުރު މަތިންދާ ބޯޓުތައް ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމަށް އެ ކުންފުންޏާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރި ޗައިނާގެ ޗެންޑޫ ޔުނިވާސަލް އިންޓަނޭޝަނަލް ޓްރެވަލް ސާވިސްއިން ބުނެފި އެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗެންޑޫ ޔުނިވާސަލް އިންޓަނޭޝަނަލްގެ ޕްރެޒިޑެންޓް ގޯ ހޮއި ވިދާޅުވީ އައިލެންޑް އޭވިއޭޝަންގައި މިވަގުތު ޗައިނާއަށް ދަތުރުތައް ކުރުމަށް އޮތީ ބޮޑު އެންމެ ބޯޓެއް ކަމަށާއި އެހެން ކަމުން ކުރިމަގުގައި މޯލްޑިވިއަންގެ ބޯޓުގެ އަދަދު އިތުރު ކުރުމަށް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ.
"އައިލެންޑް އޭވިއޭޝަންގައި މިވަގުތު ނެތް އެހާ ބައިވަރު ބޯޓުތަކެއް. ހަގީގަތުގަ މިއޮތީ ރަނގަޅު އެންމެ ބޯޓެއް. އެހެން ކަމުން އަޅުގަނޑުމެން މި ވިސްނަނީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ އެހީތެރިކަމާއެކު އައިލެންޑް އޭވިއޭޝަނަށް އިތުރު އެއާކްރާފްޓް ހޯދައިދޭން،" ގޯ ހޮއި ވިދާޅުވިއެވެ. "މިއަދު ހެނދުނު އަޅުނގަޑުމެން ވާނީ އައިއޭއެސްގެ ޗެއާމަންއާ ވެސް މަޝްވާރާތަކެއް ކުރިއަށް ގެންގޮސްފައި. އެގޮތުން މުސްތަގުބަލުގައި އައިއޭއެސްގެ ސީޕްލޭން ޓްރާންސްފާތައް ތަރައްގީކޮށް އޭގެ ފައިދާ ވެސް ރަނގަޅު ގޮތުގައި ހިފޭނޭ ގޮތެއް ހޯދުމަށް މަޝްވަރާ ކުރެވުނު."
ގޯ ހޮއި ވިދާޅުވީ އެ ކުންފުނިން އައިލެޑް އޭވިއޭޝަނާ އެކު ވިޔަފާރި ކުރުމަށް އެއްބަސްވީ ދެ ފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި ރަނގަޅު ފައިދާއެއް ލިބޭނެ ވިޔަފާރިއަކަށް އެ ވިޔަފާރި ވެގެން ދާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ހަމަ އެކަނި މޯލްޑިވިއަންގެ ފްލައިޓްތައް މެދުވެރި ކޮށް އަހަރަކު 100،000 ޗައިނީޒް ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗެންޑޫ ޔުނިވާސަލް އިންޓަނޭޝަނަލް ޓްރެވަލް ސާވިސަސްއިން ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓު ކުރަމުން ގެންދާތާ މިހާރު ވެސް ހަތަރު އަހަރު ދުވަސް ވެއްޖެ އެވެ. އަދި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ފަރާތުން ރާއްޖެއަށް 100،000 ޓޫރިސްޓުން ފޮނުވާފައިވާ ކަމަށް ގޯ ހޮއި ވިދާޅުވި އެވެ.
އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް ހާރިސް ވިދާޅުވީ، ޗައިނާގެ ޓުއާ އޮޕްރޭޓަރަކާއެކު އެ ކުންފުނިން މިއަދު ވެވުނު އެއްބަސްވުން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ އޭގެ ރަނގަޅު ފައިދާ ރާއްޖޭގެ ފަތުރުވެރި ކަމަށާއި އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، އަދި އޭގެ ރަގަޅު އަސަރު މޯލްޑިވިއަންއަށް ވެސް ކުރާނެ ކަމަށޗ ވިދާޅުވި އެވެ.