20 May 2013, 14:40
ސްރީލަންކާ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މީހެއްގެ ހަށިގަނޑުގެ ތެރެއަށް ބްލެޓްތަކެއް ފަޅައިގެން ގޮސް، އޯވާޑޯޒްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ބްލެޓްތަކެއް ފަޅައިގެންގޮސް އޯވާޑޯޒްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސްރީލަންކާގެ ޔޫއެލް ފްލައިޓަލުން މާލެ އައި އުމުރުން 31 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އަދި އެކަން ފަޅާއެރީ އޭނާ އަމިއްލައަށް އައިޖީއެމްއެޗަށް ދައްކަން ދިއުމުން ޑޮކްޓަރުންނަށް އޭނާއާ މެދު ޝައްކުރެވިގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހާގެ ހަށިގަނޑުގެ ތެރޭގައި ހުރި ބެލެޓްތައް ނެގުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
"ސަން" ވާހަކަދެއްކި މީހަކު މިއަދު ބުނީ ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އެ ޒުވާނާ ހޮސްޕިޓަލަށް ދިޔައީ އެތަކެތި ދިރިވާލައިގެން އުޅެނިކޮށް އޭގެތެރެއިން ބައެއް އެއްޗެހި ހަށިގަނޑުގެ ތެރެއަށް ފަޅައިގެން ގޮސް، ފުރަގަސްފަރާތުންނާއި އަނގައިން ލޭ އަންނަން ފެށުމުން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް އޭނާ ދިއުމުގެ ކުރިން ފަރުވާ ހޯދުމަށް ލަންކާއަށް ދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ސަންއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.